ދީން

ކަށްވަޅުގައި އޮންނައިރު ވެސް އެކަންކަމުގެ ޘަވާބު ދެމިގެންދާ ހަތްކަމެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދުނިޔެއަށް އުފަންވެ ކުޑަ ދަރިފުޅު ރޯލާ ރުއިމާ އެކު އެންމެންގެ ހިތްތައް އުފަލުން ފުރިގެންދެއެވެ. ޙަޔާތުގައި ދުވަހަކު ނުލިބޭހައި ފޮނި އިހްސާސްތަކެއް މައިންބަފައިންނަށާއި އާއިލާ މެމްބަރުންނަށް ލިބިގެންދެއެވެ. ދަރިފުޅަށް ބޮސްދީ ތަޢުރީފްގެ ބަސްތައް އިއްވައި އުޅެއެވެ.

Ads by Sosun Fihaara

އެއީ ފުރާނަ އަޅުއްވައި ، މި ހެއްލުންތެރި ދުނިޔެއަށް ދޫކޮށްލާ ފުރަތަމަ ނޭވަޔާއެކު ދުނިޔެއިން އެ އިންސާނާއަށް މަރުޙަބާ ކިޔޭ ގޮތެވެ.

މީގެ ދެވަނަ މަންޒަރަށް ވިސްނާލަމާ ހެއްޔެވެ؟ ހެޔޮލަފާ އިންސާނާގެ ދުނިޔޭގެ ދަންފަޅި ހަމަކޮށްފައި ފަހު ނޭވާ ދޫކޮށްލަނީ ހިތްހަމަ ޖެހުމާއެކުގައެވެ. ﷲގެ ތަނަވަސް ދާއިމީ ރަޙުމަތަށް ޓަކައި ކޮޅު ނެތް ކޮޅަށް އުފާ ކުރަމުންދާއިރު އޭނާގެ އަހުލުވެރިން އޭނާގެ ވަކިވެދިޔުމުގެ މައްޗަށް ކަރުނަ އަޅައި ރޮނީއެވެ.

މިއީ ދުނިޔޭގެ ކަން ހިނގާ މަގެވެ. ފަހު ނޭވާ ދޫކޮށްލުމާ އެކު ތިބާގެ ކަށުކަމާކެމީގެ ކަންކަން ކޮށް ތިބާގެ މައްޗަށް ނަމާދުކޮށް ފަސްގަނޑުގެ ދަށަށް ލައެވެ. އެކަނިމާ އެކަންޏެވެ. ދުވަސްކޮޅެއް ފަހުން ތިބާގެ އަނބިމީހާ އެހެން މީހެއްގެ އަނތްބަކަށް ވެއެވެ. ތިބާގެ މުދަލާއި މާލު އެހެން ބައެއްގެ މެދުގައި ބަހައިލެވެއެވެ. މިއީ ދުނިޔޭގެ ފިތުރަތެވެ.

ދުނިޔެއިން ވަކިވުމަށް ފަހު ޤިޔާމަތާއި ހަމަޔަށް ހޭދަ ކުރާ މަންޒިލަކީ ބަރުޒަހުގެ ޢާލަމެވެ. އެތަނަކީ ސުވަރުގޭގެ ގަނޑުވަރުތަކުގެ ތެރެއިން ގަނޑުވަރެކެވެ. ނޫނީ ނަރަކައިގެ އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅެކެވެ. ފަލާޙްގެ އަހުލުވެރީންގެ މުނިފޫހި ފިލުވައިދިނުމަށް އެމީހުންގެ ހެޔޮ ޢަމަލުތައް އެމީހުންނާ އެކު ވާނެތެވެ. ހަމައެހެންމެ ދުނިޔޭގެ ދިރިއުޅުމާމެދު ހެއްލުންތެރިވެ އެމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާލި މީހުން ޢަޒާބު ލިބިލިބި ތިބޭނެތެވެ.

ދުނިޔެއިން ވަކިވުމާއެކު ޢަމަލުކުރުން ބަންދުވީއެވެ. ނަމަވެސް ދުނިޔެއިން ވަކިވެ ދިޔަ ނަމަވެސް ބައެއް މީހުންގެ ހެޔޮ ޢަމަލުގެ ފަތް ބަރުވެގެން ދެއެވެ.

މޫރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

عَنْ أَنَسٍ رَضِيَ الله عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (سَبْعٌ يَجْرِيْ لِلْعَبْدِ أَجْرُهُنَّ وَهُوَ فِي قَبْرِهِ بَعْدَ مَوْتِهِ : مَنْ عَلَّمَ عِلْمًا ، أَوْ أَجْرَى نَهْرًا ، أَوْ حَفَرَ بِئْرًا ، أَوْ غَرَسَ نَخْلًا ، أَوْ بَنَى مَسْجِدًا ، أَوْ وَرَّثَ مُصْحَفًا ، أَوْ تَرَكَ وَلَدًا يَسْتَغْفِرُ لَهُ بَعْدَ مَوْتِهِ) . ‌ والحديث : حسَّنه الألباني في ” صحيح الترغيب ” ( 959 ) .

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މަރުވުމަށް ފަހުގައި ކަށްވަޅުގައި އޮންނައިރު ވެސް އެކަންކަމުގެ ޘަވާބު އަޅާއަށް ދެމިގެންވާ ހަތް ކަމެއްވެއެވެ. ޢިލްމެއް އުނގަންނައިދީފައިވާ މީހާއާއި، ކޯރެއް ދެމޭގޮތް ހަދައިދިން މީހާއާއި، ފެންވަޅެއް ކޮނުނު މީހާއާއި، ރުކެއް އިންދިމީހާއާއި، މިސްކިތެއް ބިނާކުރި މީހާއާއި، މުޞްޙަފެއް ވާރުތަކުރި މީހާއާއި، މަރުވުމަށް ފަހުގައި އޭނާއަށް ޓަކައި ދުޢާކުރާނެ ދަރިއެއް ދޫކޮށްފައި ދިޔަ މީހާއެވެ.”
މިއީ ޞަދަޤާ ޖާރިޔާ (ދެމިގެންވާ ޞަދަޤާތު)ގެ ބައެއް މިސާލުތަކެވެ.

އަޅަމެންނަކީ އަޅަމެން މަރުވުމަށް ފަހުގައި ވެސް ޘަވާބު ލިބެނިވި ބައެއްކަމުގައި ލައްވާށިއެވެ. އެފަދަ ޢަމަލުތައް ކުރުމުގެ ތައުފީގު އަޅަމެންނަށް މިންވަރު ކުރައްވާށިއެވެ.އާމީން!

Ads by Ooredoo
  1. ޅލލލ

    ވަރަށް ފުރިހަމަ ލިޔުމެއް.