ސިނަމާލެ ބްރިޖް ޕާކް ހުޅުވައިފި
ސިނަމާލެ ބްރިޖް ޕާކް މިއަދު ހުޅުވައިފި އެވެ.
މި ޕާކް ހުޅުއްވާދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދު ﷲ މުއްތޮލިބާއި ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޝިންގް އެވެ.
މި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މުއްތޮލިބު ވިދާޅުވީ ބްރިޖް މަޝްރޫއު ހުޅުވިއިރުވެސް މޮނިއުމަންޓް ހުރި ނަމަވެސް ލޮނުޒިޔާރަތް ޕާކާއެކު އެތަން ގެއްލިފައިވާ ކަމަށެވެ.
"މިއީ އުމްރާނީ ގޮތުން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަސައްކަތް. މި ދާއިރާއިން ކުރިއަށް ދާން ތިބި މީހުންނަށް މިމައުލޫމާތު ލިބުމަކީ މުހިންމު ކަމެއް. އެހެންކަމުން އެމައުލޫމާތު މޮނިއުމަންޓް މިއުޒިއަމްއެއް ގޮތުގައި ތަރައްގީކޮށް ފެންނަ ގޮތަށް ހުރުމުން އޭގެ ފައިދާ ކުރާނެ"
މި ރަސްމިއްޔާތުގައި ވާންގް ލިޝިންގް ވިދާޅުވީ މި މަޝްރޫއާއެކު ދިވެހީންގެ ޔަގީންކަން ތަރައްގީ އާއި މެދު އޮތްގޮތް ބަދަލުވެ ކުރިމަގު އުޖާލާވުމުގެ އުންމީދު އާ ވެފައިވާ ކަމަށެވެ.
"މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ބިނާއެއް. ސިނަމާލޭ ބްރިޖާއެކު މީގެކުރިން ވަކި ރަށްތަކެއްގެ ގޮތުގައި އޮތް މާލެ ސަރަޙައްދު އެއް ފަސްގަނޑަށް ބަދަލުވެ ވިޔަފާރީގެ ގޮތުންވެސްވަނީ ބޮޑެތި ބަދަލުތަކެއް ރާއްޖޭގެ އިގުތިސާދަށް އައިސްފައި"
މި ޕާކަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ހެއްކެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އިރު، އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ގުޅިފައިވާ މުޖުތަމައުތައް ގުޅުވައިދޭ ޓްރާންސްފޯމޭޓިވް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ގެ ހަނދާންތައް އާ ކޮށްދޭ ޕާކެކެވެ.
ސިނަމާލޭ ބްރިޖް މޮނިއުމަންޓް ޕާކުގައި ބްރިޖް ތަރައްގީކުރި ދުވަސްވަރުގެ ފޮޓޯތަކާއި ބްރިޖްގެ މައުލޫމާތު ހިމެނޭ ފޮޓޯތައް ވަނީ މިސަރަހައްދުގައި އާންމުންނަށް ފެންނަ ގޮތައް ބަހައްޓާފަ އެވެ. އަދި އާއިލާތައް އެސަރަހައްދުގައި މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައްވެސް އެ ސަރަހައްދުގައި ވަނީ ގާއިމް ކޮށްފައެވެ.