ރައީސް އެ ނިންމުން މިއަދު ނިންމެވީ  ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. އެގޮތުން އެ ޕޭމަންޓް ސިސްޓަމް ތައާރަފްކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ނިންްމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ކަމަށާއި އަދި އެ ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ހަމަޖައްސައިފައިވާ ކަމަށް ރައީސް އޮފީހުން އިތުރަށް ބުނެފައިވެ އެވެ. ރައީސް އޮފީހުން ބުނީ ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް އިކޮނޮމިކް މިނިސްޓްރީ ލީޑްކުރާ ގޮތަށް ފިނޭންސް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އަދި އެމްއެމްއޭ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށްވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.