އައްޑޫގެ ކަރަންޓްގެ މައްސަލައަށް އަވަސް ހައްލެއް ހޯދާނަން: މިނިސްޓަރު
އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެ އެވެ. އެ މައްސަލަ ހައްލުކުރުމަށް ފެނަކައިންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ތޯރިގު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. މަޖިލީހަށް ތޯރިގު ހާޒިރުވެވަޑައިގެންނެވީ ށ. ކަނޑިތީމުގައި ސޯލާ ހަރުކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން އެ ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ.
ވަޒީރާ ސުވާލު ކުރުމުގެ ފުރުސަތުގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫ އިން ކަރަންޓް ކެނޑެމުންދާ މައްސަލަ ތަކުރާރުވަމުންދާތީ އެކަމަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުން ތޯރިގާ ސުވާލުކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސެންޓްރަލް ޕަވާ ހައުސްގައި މިހާރު ހުރީ ކެޕޭސިޓީއަކީ 12.1 މެގަވޯޓް ކަމަށެވެ. ނަމަވެސް ޕީކް ޑިމާންޑްގައި 11.2 މެގަވޯޓް ހުރި ކަމަށް ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އައްޑޫ އަށް ކަރަންޓް ދިނުމަށް މި ވަގުތުވެސް 13 ޖަނަރޭޓަރު ބޭނުންކުރެވެމުންދާ ކަމަށެވެ. ނަމަވެސް 2 ޖަނަރޭޓަރު އޯވާ ހޯލް ކުރުމުގެ ޕްރޮކިއުމަންޓް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ. ވިދާޅުވީ އޯވާ ހޯލްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރަން ކުރެވޭނެ މަސައްކަތްތަކުގެ އިތުރު މައުލޫމާތު މަޖިލީހާ ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ 1.2 މެގަވޯޓުގެ ޖަނަރޭޓަރެއް ގަތުމަށް ހުޅުވާލެވުނު ބީލަން ފެނަކައަށް ބަލައިގަތުން މިއަދު އޮންނާނެ ކަމަށެވެ.
އޭގެ އިތުރަށް 32 މެގަވޯޓްގެ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތްވެސް ކުރަމުންދާއިރު އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރެވޭތޯ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
"އެއީ ކުރީގައި އަންޕްލޭންކޮށް ހެދިފައި އޮތްތަނަކަށްވާތީވެ އެތަން އިތުރަށް ޕްލޭން ކުރެވިގެން މިހާރު ފެނަކައިން ވާނީ ޓެންޑާ ކުރެވި, ބަޔަކާ ހަވާލުކުރެވިފައި އެ މަސައްކަތް ކުރުމަށް. އެއީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ ފައިނޭންސިން މަސައްކަތް ހައްލު ކުރުމަށް މިހާރު ކުރެވެމުން ދަނީ."
އައްޑޫގައި ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ. ތޯރިގު ވިދާޅުވި ގޮތުގައި އެ މަސައްކަތް ނިމުމުން އައްޑޫ އަށް ދިމާވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރެވިގެންދާނެ އެވެ.
އައްޑޫގައި މިހާރު ހެދިފައި ހުރި ވޭސްޓް ހީޓް އިންސިނެރޭޓަރު ސިސްޓަމްވެސް ޓެސްޓްކޮށް, މި އަހަރު ފަހުކޮޅުގައި އެ ބޭނުންކުރަން ފެށުމުން 1 މެގަވޯޓުގެ ކަރަންޓު އެއިންވެސް އުފެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.