ޓޫރިޒަމަށް ދޫކޮށްފައިހުރި ގިނަ ދުވަސްވީ ރަށްތަކާމެދު ގޮތެއް ނިންމަން ގާނޫނަށް ބަދަލުގެންނަނީ
ޓޫރިޒަމަށް ދޫކޮށްފައިހުރި ގިނަ ދުވަސްވީ ރަށްތަކާމެދު ގޮތެއް ނިންމަން ގާނޫނަށް ބަދަލުގެންނަން ހުށަހަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގަ އެވެ.
މަޖިލީހަށް ފައިސަލް ހާޒިރުވެވަޑައިގެންނެވީ ހދ. އަތޮޅުގައި އަތޮޅުގައި ޓޫރިޒަމް ބެޑް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން ވައިކަރަދޫ ދާއިރާ މެންބަރު ހުސައިން ޒިޔާދު ކުރައްވާ ސުވާލު ޖަވާބު ދެއްވުމަށެވެ.
އެ ސުވާލުގެ އިތުރުން ޒިޔާދު ކުރެއްވި ސުވާލުގައި ވަނީ ޓޫރިޒަމަށް ދޫކޮށްފައި ހުރި ގިނަ ދުވަސްވީ ރަށްރަށުގެ މަސައްކަތް ނިންމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް އައްސަވާފަ އެވެ.
ފައިސަލް ވިދާޅުވީ ވަޒީރުކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވީ އެ މަސައްކަތް ކަމަށާއި ރާއްޖޭގައި ޓޫރިޒަމަށް ދޫކޮށް މާކެޓަށް ނުނެރެވި 30 އަހަރުވެފައިވާ ރަށްތައް ހިމެނޭ ކަމަށެވެ.
އެ މަސައްކަތުން ދަފްތަރެއް އެކުލަވާލެވިފައިވާއިރު މިއަދާ ހިސާބަށް އެ ދަފްތަރުގައި 58 ރަށެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ހދ. ގެ ތިން ރަށެއް ހިމެނޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެ ރަށްތައް ޓޫރިޒަމްގެ ބޭނުމަށް މާކެޓަށް ނެރެވޭނެ ގޮތެއް ބެލުމުގެ ގޮތުން އެ ރަށްތައް ނަގާފައި ތިބި ފަރާތްތަކާ ބައްދަލުކޮށް "ޑިސްޕްރެސް އައިލެންޑް" ގެ ނަމުގައި ކޮމިޓީއެއް އުފައްދާފައިވާނެ ކަމަށެވެ.
އެ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގޮންޖެހުންތައް ސާފުކޮށް ޕޮލިސީ ޕޭޕަރެއް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ދާދި އަވަހަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ދައުލަތުގެ ބަންޑާރަ ނައިބު އެ ރަށްތަކާ ބެހޭ ގޮތުން, ގުޅޭ ގޮތުން ގޮތްތަކެއް ނިންމާ ރައްޔިތުންގެ މަޖިލީހަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅަން ޖެހޭ އިސްލާހުތަކެއް, ނުވަތަ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ"
އެ ބިލްތަކަށް މެންބަރުން ތާއީދުކޮށް ދެއްވުމަށް އެދި ފައިސަލް ވިދާޅުވީއެ ރަށްތަކާ މެދު ކުރިއަށްދެވޭނީ އޭރުން ކަމަށެވެ.
ފައިސަލް އިތުރަށް ވިދާޅުވީ އެގޮތަށް އިސްލާހު ގެންނަން ހުށަހެޅީ ޓޫރިޒަމް މިނިސްޓްރީއިން ރަށްތައް ޓާމިނޭޓް ކުރުމުން އެ ފަރާތްތައް ކޯޓަށް ގޮސް އެކަށީގެންނުވާ ބަދަލުތަކެއް ހޯދަމުންދާކަން މިނިސްޓްރީގެ މައުލޫމާތުން ފާހަގަކުރެވިފައިވާތީ އޭޖީއާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި އަންނަ މަހު އެ އިސްލާހު ހުށަހެޅިގެންދާނެ ކަމަށް ގަބޫލުކުރެއްވީ ކަމަށް ފައިސަލް ވިދާޅުވި އެވެ.