ގޭބީސީތަކަށް ދަތިކަމެއް ނެތި ގޭސް ލިބޭނެ: އަބްދު ﷲ
ގޭބީސީތަކަށް ދަތިކަމެއް ނެތި ގޭސް ލިބޭނެ ކަމަށް މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ގޭހުގެ ދަތިކަން ދިމާވެފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން "ދެން" އަށް މައުލޫމާތު ދެމުން އަބްދު ﷲ ވިދާޅުވީ, ގޭބިސީތަކަށް ބޭނުންވާ ގޭސް ލިބޭނެ އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށެވެ. ނަމަވެސް އިންޑަސްޓްރިއަލް ބޭނުމަށް ބޭނުންވާ ގޭސް ސިލިންޑަރު ލިބުމުގައި ކާގޯގައި ކޮންމެސް ވަރަކަށް ލަސްވުމެއް އުޅޭ ކަމުގައިވިޔަސް އެއްވެސް ގޭބީސީއަކަށް ދަތިކަމެއް ނެތި ގޭސް ލިބޭނެ ކަމަށެވެ.
"ކޮންމެވެސް ވަރެއްގެ ސޯޓޭޖްއެއް އެބައުޅޭ. އެކަމަކު ބޯޓު މިއަދު އެރައިވް ވާނެ. މާދަމާ ހަމަ ނޯމަލްކޮށް ގޭސް ދޫކުރާނެ."
އަބްދު ﷲ ވިދާޅުވީ 45 ކޭޖީގެ އާންމުކޮށް އިންޓަސްޓްރިއަލް މާކެޓިން އަށް ސަޕްލައިކުރާއިރު، މި ދެ ދުވަހު އޭތި ކުޑަކޮށް ލިމިޓްކޮށްގެން އުޅޭ ކަމަށެވެ.
މި މައްސަލަ ދިމާވެގެން މި އުޅެނީ ކުންފުނީގެ ސަބަބުން ނޫން ކަމަށް އަބްދު ﷲ ފާހަގަކުރެއްވި އެވެ. އަދި އާންމުކޮށް ޕްރޮސެސް އޮންނަ ގޮތަކީ އިންޓަނޭޝަނަލް ބިޑިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުން ކަމަށް އަބްދު ﷲ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް އަޅުގަނޑުމެން ޝިޕްމެންޓް އަބަދުވެސް ބަލާނީ ހުންނަވަރު، ބަލަމުން ބަލަމުން ދާއިރު ކުއަންޓިޓީސް ކުރިން އަޅުގަނޑުމެން އޯޕަން ބިޑަށް ދާނެ. ބިޑު ކާމިޔާބުކުރާ ބަޔަކަށް އަޅުގަނޑުމެން ހަމަ އެ އޮންނަ ޕްރޮސެސްގެ ތެރެއިން ރަސްމީކޮށް ދާނީ"
އަބްދު ﷲ ވިދާޅުވީ މިހާރު ދިމާވެގެން މި އުޅޭނީ މައްސަލަ އަކީ ސަޕްލައިއާ ލަސްވުމުގެ މައްސަލަ ކަމަށެވެ. އެއީ ފައިނޭޝިއަލީ އާއި ޑޮލަރުގެ ދަތިކަން އޮވެގެން ނޫން ކަމަށްވެސް އަބްދު ﷲ ވިދާޅުވި އެވެ.
"މި އުޅެނީ ކުންފުނީގެ އެއްވެސް މައްސަލައެއް ނޫން. އެއީ ދުބާއީ ސަޕްލަޔާ އެއް އަތުން މިފަހަރު މި ގެންނަނީ. އެކި ފަހަރު އެކި ސަޕްލަޔަރު އަތުން ގެންނަނީވެސް. ސަޕްލަޔާ ކޮޅުން އެ ބޯޓު ލޯޑްކުރީ އިރާގުން ކަމަށް އަޅުގަނޑުމެންނަށް ފަހުން މައުލޫމާތު ލިބުނީ. އޭގެ ކުޑަ ޑިލޭއެއް މިއުޅެނީ."
މީގެ އިތުރުން އަބްދު ﷲ ވިދާޅުވީ ގޭސް ސަޕްލައިކުރުމުގެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ކާގޯ ލިބޭނެކަމާއި، ކުރިއެކޭ އެއްގޮތައް މާދަމާ އިން ފެށިގެން ގޭސް ދޫކުރާނެ ކަމަށްވެސް އަބްދު ﷲ ވިދާޅުވި އެވެ.
"އިގްތިސޯދީގޮތުން އެއްވެސް ދައްޗެއް އޮވެގެނެއް ނޫން. ގައުމުގެ ޑޮލަރު ނެތީގެނޭ ކިޔައިގެން ސޯޝަލް މީޑިއާގައި އެއީ މުޅިން ދޮގެއް. އަޅުގަނޑުމެންނަށް އެއްވެސް އެކަހަލަ ދަތިކަމެއް ނެތް."
ގޭސް ކުންފުންޏަކީ އަމިއްލަ ޒާތުގައިވެސް ރަނގަޅު ކުންފުންޏެއް ކަމަށް އަބްދު ﷲ ވިދާޅުވި އެވެ. އަދި މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި 30 އިންސައްތަ ކުރިއެރުން ހޯދާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.