ޚަބަރު އިޖުތިމާޢީ

މަންމައަށް ވަޅިން ހަމަލާދީ ފޯނު ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މަންމައަށް ވަޅިން ހަމަލާދީ ފޯނު ފޭރުނު ދަރިފުޅު/ ފޮޓޯ: ފުލުހުން

ހުޅުމާލެ ހިޔާފްލެޓް އެޗް13 ގެ އެޕާޓްމަންޓަކު މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ، މަރާލާނެކަމަށް ބުނެ އިންޒާރުދީ ފޯނު ފޭރުނު މީހާ ގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

Ads by MWSC

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ، ހ. އެހަޑަ، މުހައްމަދު އިސްމާއިލް (28އ) ބަންދަށް ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ, އެޕާޓްމެންޓަކުން އަންހެނަކު ރޯ އަޑުއިވިގެން މިދިޔަ ހޯމަ ދުވަހު 6:30 ހާއިރު ފުލުހުންނަށް ރިޕޯޓެއް ލިބިގެން ސީން އަށް ގޮސްފައިވާ ކަމަށެވެ. އަދި ސީނަށް ދިޔުމުން އަންހެނަކު ދޮރުހުޅުވި ކަމަށާއި އަދި އެ އަންހެން މީހާއަށް އޭނާގެ ފިރިހެން ދަރިފުޅު އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ ފޯނު ފޭރިގެން ގެއިން ނިކުމެގެން ގޮސްފައިވާ ކަމަށް ބުނި ކަމަށްވެސް ފުލުހުން ބުނި އެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު 57 އަހަރުގެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ދަރިފުޅު ހައްޔަރުކޮށްފައިވަނީ އިއްޔެގަ އެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!