އުމުރުން ދުވަސްވި މީހެއްގެ ކޭޝް ކާޑުން ފައިސާ ނެގި ބަޔަކު ކަނޑުމަތިން ހައްޔަރުކޮށްފި

ގއ. ވިލިނގިލީގައި އުމުރުން ދުވަސްވި އަންހެނެއްގެ ކޭޝް ކާޑު ވަގަށް ނަގައި، ގއ މާމެންދޫ ބީއެމްއެލް އޭޓީއެމް އިން ފައިސާ ނެގި މައްސަލާގައި ދެ މީހަކު ކަނޑުމަތިން ހައްޔަރުކޮށްފި އެވެ.
މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭ 20:13 ގައި ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ:
- ގއ. ވިލިނގިލި، ލައިފް، މުހައްމަދު ޝައިން ޝަމީޒް (22އ)
- ލ. ގަން/ ތުނޑި، ނޯތުހެވަން، ހަމްދޫން ހަލީލް (24އ)
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކާޑު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން މާމެންދޫއިން ވިިލިނގިލި އަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކޮށް، ދަތުރުކުރި ލޯންޗު ބަލައި ފާސްކުރިއިރު ކޭޝް ކާޑު ބޭނުންކޮށްގެން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 25،000ރ ގެ ތެރެއިން 23000ރ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.