ރިޕޯޓް ވިޔަފާރި

ވެމްކޯގެ ވިސްނުން ގޭބީސީން ދުރަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

2016 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ރަސްމީކޮށް ހަރަކާތަށް ގެނައި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން, ވެމްކޯ އަކީ ރާއްޖޭގެ އިޖުތިމާއީ ފޭރާމަށް ބޮޑު ބަދަލެއް ގެނުވި ކުންފުންޏެކެވެ. ސާފު ޖަޒީރާ ރަށްތަކުގެ ގޮތުގައި ޒަމާނުއްސުރެއް މަޝްހޫރުވެފައި އޮތް ކުޑަކުޑަ ދިވެހިރާއްޖޭގެ ވެރިރަށް މާލޭ ސިޓީގެ މަގުތަށް ކުނިން ފުރި, އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ނިކުންނަން ފެށިތާ ދުވަސްތަކެއް ވި އެވެ. މި ކުނީގެ ސަބަބުން މާލޭގެ މަގުތަކުގައި ނުބައި ވަސް ދުވުމާއި ކުނިން އުފެދޭ ދިރޭ ތަކެއްޗާއި ޖަރާސީމުގެ ސަބަބުން ބަލިތައްވެސް އޮތީ އާންމުވާން ފަށައިފަ އެވެ. އަދި މާލޭގެ ބިމަށް ނުތަކާ ވަރަށް އާބާދީ އިތުރުވުމުގެ ސަބަބުން ކުނި މެނޭޖު ކުރުމަށް އޮތީ ނުކުޅެދިފަ އެވެ.

Ads by MWSC

މިކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ވެމްކޯގެ ނަމުގައި ކުންފުންޏެއް އުފައްދަން އޭރުގެ ސަރުކާރުން ނިންމިއިރު އޭގެ ސަބަބުން އެތަކެއް ވަޒީފާތަކެއް އުފެދުނެވެ. އަދި މިމަސައްކަތުން އާމްދަނީއެއް އުފެއްދޭ ގޮތްތަކެއް ފަހިވެ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ވަރަށް ބޮޑެތު ލުއިތަކެއް ލިބުނެވެ.

އެންމެ ފުރަތަމަ ވެމްކޯގެ ހިދުމަތް ދޭން ފެށީ މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގަ އެވެ. އެހެންނަމަވެސް މަދު އަހަރުތަކެއްގެ ތެރޭގައި މި ހިދުމަތް އިތުރަށް ފުޅާ ކުރެވިގެން ދިޔަ އެވެ. އެގޮތުން މިހާރު ރާއްޖޭގެ ތިން ސަރަހައްދެއްގެ 11 ރަށެއްގައި ވެމްކޯގެ ހިދުމަތް ދަނީ ދެމުންނެވެ.

ވެމްކޯގެ ހިދުމަތް މިހާރު ދެމުންދާ ރަށްތައް:

  1. މާލެ ސިޓީ (ހުޅުމާލެ, އަދި ވިލިމާލެ ހިމެނޭހެން)
  2. އައްޑޫ ސިޓީ
  3. ފުވައްމުލައް ސިޓީ
  4. ތިނަދޫ ސިޓީ
  5. ކުޅުދުއްފުށި ސިޓީ
  6. ލ. ގަން
  7. ލ. ފޮނަދޫ
  8. ކ. މާފުށި
  9. ހއ. އިހަވަންދޫ
  10. ހއ. ދިއްދޫ
  11. ހއ. ވަށަފަރު

ވެމްކޯގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދެން އޮންލައިންގެ "ކުންފުނި" ޕްރޮގުރާމަށް, ވެމްކޯގެ މާކެޓިންގް މެނޭޖަރު އިސްމާއިލް އުބައިދު މައުލޫމާތު ދެއްވި އެވެ. އޭނާ ވިދާޅުވީ މި 11 ރަށުގެ އިތުރުން އެހެން ރަށްތަކަށް ހިދުމަތް ދިނުމަށްވެސް މިހާރު މަސައްކަތް ކުރަމުން ދާކަމަށެވެ.

“އަޅުގަނޑުމެން މިހާރު ފެށުމުގެ މަސައްކަތްތައް ކުރަމުން މިގެންދަނީ ކ. ގުރައިދޫ, ކ.ހިންމަފުށި އަދި މީގެ އިތުރުން ޅ. ނައިފަރު”

11 ރަށުގައި ވެމްކޯއިން މިހާރު ދެމުންދާ މައިގަނޑު ހިދުމަތަކީ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން ކުނި ނެގުމެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތުގެ ތެރެއިން އެންމެ ކައިރީގައި އޮންނަ ރީޖަނަލް ފެސިލިޓީއަކަށް ކުނި އުފުލައި ދިނުމާއި އެކުނި ނައްތައިލުމުގެ ހިދުމަތްވެސް އެކުންފުނިން ފޯރުކޮށްދެ އެވެ.

ކުނި މެނޭޖުކުރުމަކީ ގޭބީސީތަކާއި ހަމައިން އެކަނި ނިންމައިލެވޭ ކަމެއް ނޫނެވެ. ތަނެއް ސާފުކޮށް ބެހެއްޓުމަށްޓަކައި ގަވައިދުން ފޮޅާ ސާފު ކުރުމާއި ބެލެހެއްޓުންވެސް މިއީ ވަރަށް މުހިންމު ކަމެކެވެ. ވެމްކޯއިން ދާދި ފަހުން ވަނީ އޮފީސްތައް ފޮޅާ ސާފު ކުރުމާއި ކުނި ބޭރު ކުރުމުގެ ހިދުމަތްވެސް ދޭން ފަށައިފަ އެވެ.

“މިހާރު އަޅުގަނޑުމެން ޖުމްލަ ހަ ތަނެއްގަ ހިދުމަތް ދޭން ފަށާފަ މި ވަނީ. އެއީ ހުޅުމާލެ ޕޮލްކޯ އަދި އެމްޕީއެލް މި ދެޓަވަރަށް އަޅުގަނޑުމެން މިހާރުވެސް އެބަ ހިދުމަތް ފޯރުކޮށްދެން. ދެން އަދި ސަރުކާރުގެ އިތުރު ހަތަރު އޮފީހަކަށް އަޅުގަނޑުމެން ހިދުމަތް މި ފޯރުކޮށްދެނީ”

އުބައިދު ވިދާޅުވީ އޮފީސްތަކަށް ފޯރުކޮށްދޭ ހިދުމަތް ބައްޓަން ކުރަނީ ކަސްޓަމާ ބޭނުންވާ ގޮތަކަށް ކަމަށެވެ. އެގޮތުން އެފަރާތަކުން ބޭނުންވާ ހިދުމަތަކަށް އެދުމުން އެ ހިދުމަތް ވެމްކޯއިން ފޯރުކޮށްދޭކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ދުވަހުން ދުވަހަށް އޮފީސްތައް ފޮޅާ ސާފު ކުރުމުގެ އިތުރުން މަހަކު އެއް ފަހަރު ޑީޕް ކްލީން ކުރުމުގެ މަސައްކަތްވެސް ވެމްކޯއިން ކުރެ އެވެ.

މީގެ އިތުރުންވެސް އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ރަސްމީ މަސައްކަތް ކުރާ އަށް ގަޑިއިރު ވެމްކޯގެ މުވައްޒަފުން އޮފީހުގައި ތިބެ މީޓިންތަކަށް ތަން ތައްޔާރުކޮށްދިނުން ފަދަ ކަންކަންވެސް ކޮށްދެ އެވެ. މިހާރު 6 އޮފީހަކަށް މި ހިދުމަތް ދިންނަމަވެސް މި އަހަރުގެ ނިޔަލަށް 17 ތަނެއްގައި ހިދުމަތް ދޭން ފަށާނެކަމަށް އުބައިދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިގްތިޞާދީ އެންމެ ބޮޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ވެމްކޯގެ ހިދުމަތް ފުޅާކޮށްފައި ވާއިރު މިއީ އެކުންފުނީގެ އާމްދަނީއަށް އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ.

“މިހާރު ފަތުރުވެށި ހިދުމަތް އަޅުގަނޑުމެން ދެމުން މިގެންދަނީ ޒޯން ޓޫގެ އަތޮޅުތައް އެއީ ނ, ރ, ބ, ޅ, މި ސަރަހައްދުގެ ރިސޯޓުތަކަށް ހުޅުވާލައިގެން. ދެން ހިދުމަތް ދޭން ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ހިދުމަތް ދޭން ފަށާފަ އެބަ ޔަގީންކަން އޮންނަންޖެހޭ އެ އުފައްދާ ކުނި އަޅުގަނޑުމެންނާ ހަމައަށް އަންނަކަން”

މި ހިދުމަތް ދޭން ފެށުމުން ރިސޯޓުތަކުގައި އުފެދޭ ކުނި ނައްތައިލުމުގެ މަސައްކަތް ކުރަނީ އުސޫލުތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައިތޯ ކަށަވަރު ކުރެވިގެންދާނެކަމަށް އުބައިދު ވިދާޅުވި އެވެ. މިހާރު ތިން ރިސޯޓަކަށް މި ހިދުމަތް ފޯރުކޮށްދޭއިރު އިތުރު 10 ތަނަކާއިއެކު ހިދުމަތް ދޭން ފަށަން މަޝްވަރާ ކުރަމުން ދާކަމަށް އުބައިދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ރިސޯޓުތައް ބެހިގެން ވާގޮތަށް ބަލާއިރު ރާއްޖޭގެ 80 އިންސައްތަ ރިސޯޓުތައް ހުންނަނީ ޒޯން ޓޫގެ ހަތަރު އަތޮޅުގެ އިތުރުން ކ, އއ, އަދި އދ ގަ އެވެ. ވެމްކޯއިން އުއްމީދު ކުރަނީ އަންނަ އަހަރުގެ މެދު ތެރެއާއި ހަމައަށް މި ރިސޯޓުތަކާއިއެކު ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދުގެ ތެރެއަށް މުޅިން އަލަށް ބަންކަރިންގެ ހިދުމަތް މިވަނީ މިއަހަރު އިތުރުވެގެން ގޮސްފަ އެވެ. ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތަކީ ފުޅާ ދާއިރާއެއްގައި އެމްޕީއެލްއިން ދޭން ފެށި ހިދުމަތަކަށް ވާއިރު މި މަސައްކަތުގެ ތެރެއަށް ވެމްކޯއިންވެސް ވަންނަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ބައިނަލްއަގުވާމީ ބޯޓު ފަހަރުތަކުން އުފެދޭ ކުނި އެބޯޓުތަކުން ބާލައި މެނޭޖުކުރުމަށް ވެމްކޯއިން ވަނީ އެމްޕީއެލްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

“އަޅުގަނޑުމެން މިހާރު އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިވަނީ. މިވަގުތު އަޅުގަނޑުމެން ހއ އަތޮޅުގަ އަޅުގަނޑުމެން މިވަނީ ފެސިލިޓީއެއްވެސް ގާއިމްކޮށް އެކަމަށް ބޭނުންވާ އުޅަނދުތަކާ އެއްޗެހި ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން މިދަނީ”

އުބައިދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދޭއިރު ކުނި މެނޭޖު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ކުނި މެނޭޖު ކުރުމުގެ ހިދުމަތް ހޯދާނަމަ ބޯޓު ފަހަރުތަކުން މިހާރު އެންމެ ކައިރިންވެސް ދާން ޖެހޭނީ ސްރީލަންކާ ނުވަތަ ސިންގަޕޫރަށްކަން ފާހަގަކުރައްވައި އުބައިދު ވަނީ ރާއްޖޭގައި މިކަން ފެށުން ވަރަށް މުހިންމު ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވައިފަ އެވެ.

ވެމްކޯއިން ކުނި ނެގުމާއި ކުނި ނައްތައިލުމުގެ މަސައްކަތް ކުރަމުން ދާއިރު އުބައިދު ވަނީ މުޖުތަމައުއެއްގެ ގޮތުގައި ހުރިހާ ދިވެހިންވެސް އިސްކަން ދޭންޖެހޭ ކަންތައްތަކެއް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ތިމާވެއްޓަކީ ތިމާގެ ވެށީގެ ގޮތުގައި ދެކިގެން އާދަތައް ބައްޓަން ކުރުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ. ފަސޭހަ ކޮށްލުމަށް ކުދި ކުދި ކުނި މަގުމައްޗަށް ނުއުކުމާއި ގެއިން އުފެދޭ ކުނި ނެރެ ބޭރުގައި ބެހެއްޓުމުގެ އާދަ ދޫކޮށްލަން ޖެހޭކަމަށް އުބައިދު ވިދާޅުވި އެވެ.

“ފަރުދީ ޒިންމާ ހަމަ ހުރިހާ ބޭފުޅުންވެސް ނަގަން ޖެހެއޭ. ވަކި ފަރާތެއް ނޫނޭ. މަގުމައްޗަށް ކުނި އަޅަންޏާ އެ ބޭފުޅަކަށްވެސް ބުނެވޭނެއޭ މިކަންކަން ނުކުރުމަށް”

ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތައް ކަމާއިބެހޭ އިދާރާތަކުން ތަންފީޒު ކުރަމުން ދާހިނދުމެ, މިނޫން ގޮތަކަށް ކަން ކުރާނަމަ ރިޕޯޓު ކުރަންޖެހޭ އިދާރާތަކަށް ރިޕޯޓު ކުރަން އުބައިދު އެދިލެއްވި އެވެ. ކުނީގެ މައްސަލައަށް ހައްލެއް ގެނެވޭނީ އެންމެންވެސް ގުޅިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!