އަތޮޅު ކައުންސިލް ރައީސުންވެސް އައްޔަން ކުރަންވީ ރައީސުލްޖުމްހޫރިއްޔާ: އައިބީ
އަތޮޅު ކައުންސިލްތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެ އެވެ.
އައިބީ އެހެން ވިދާޅުވީ އޭސީސީގެ ރައީސްއާއި ނާއިބު ރައީސް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގަ އެވެ.
އެގޮތަށް އިސްލާހު ގެނައުމަކީ މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލޭނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއިދުކުރައްވާ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ އެ ކޮމިޝަންތަކަށް ރައީސުން އައްޔަންކުރުމާއި މެންބަރުންގެ މެދުގައި އެކަން ކުރުމުގައި ވަކި ތަފާތެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖޫމްހޫރިއްޔާ އަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރަން ޖެހެ އެވެ.
އައިބީ ވިދާޅުވި ގޮތުގައި ބައެއް ކޮމިޝަންތަކުގެ ރައީސުންނަށް ހީވެފައި އޮންނަނީ ކޮމިޝަންތަކަކީ ވަކި ގައުމުތަކެއް ގޮތަށް ކަމަށެވެ. އެއަށް ފަހު ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ އަތޮޅު ކައުންސިލުގެ ރައީސުންނަށް އިޝާރާތް ކުރައްވާ އައިބީ ވިދާޅުވީ ކައުންސިލުތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދޭން ޖެހޭ ކަމަށް ދެކިވަަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ހަމަ ކޮމިޝަންތަކުގެ ރައީސުން އެކަންޏެއް ނޫން. އަޅުގަނޑު މި ވާހަކަ ދައްކާތީ ވަރަށް ބައެއް ފަހަރު ރުޅި އަންނާނެ ބައެއް ބޭފުޅުން. އެކަމަކު ހަގީގަަތަކީ މި ރާއްޖޭގައި މި ތިބަ އަތޮޅު ކައުންސިލްތަކުގެ ރައީސުން ވެސް ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްގެން،"
އެއަށް ބާރުދެއްވަމުން އައިބީ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ، އަތޮޅު ވެރިން ނުވަތަ ކަތީބުން އައްޔަން ކުރި ދުވަސްވަރު މާ ރަނގަޅު ކަމަށެވެ. އޭރު އަތޮޅުތަކުގެ ކަންތައްތައް ހިނގަމުން ދިޔައީ ސަރުކާރާ ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ އޭރު ސަރުކާރުން އެދޭ ގޮތަކަށް ތަރައްގީގެ މަޝްރޫއޫތައްވެސް ރަށްރަށުގައި ހިންގޭ ކަމަށެވެ.