ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިނގިރެޓް ވަގަށް އެތެރެކުރާތީ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މައްސަލަ 241 ކޮމިޓީއަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮމިޓީ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މަޖިލިސް

ސިނގިރެޓް ވަގަށް އެތެރެކުރާތީ ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މައްސަލަ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވުމަށް ނިންމައިފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު އަދި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވީ ދުންފަތާ ބެހޭ ގާނޫނާއި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އިތުރު މައްސަލަތައް އުފެދޭނެކަން ބިލު ހުށަހެޅި ދުވަހު ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ބަދަލުތައް ގެނެވޭއިރު، ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

"މި ގޮތަށް މިކަން ވެއްޖިއްޔާ އަގުހެޔޮ ސިނގިރޭޓުތައް އަންނާނޭ. ސްމަގްލް ވެސް ކުރާނޭ. އިއްތިފާގުން މިވީ ގޮތަކީ އެކަން އެގޮތަށް ދިމާވެއްޖެ މިހާރު. އަޅުގަނޑު ވާހަކަ ދެއްކިތާ ހަތަރު ފަސް ދުވަހެއްގެ ތެރޭގައި މި އުޅެނީ ސްމަގްލިންގެ ކަންތައްގަނޑެއް،" ނާޒިމް ވިދާޅުވި އެވެ.

އެކަމުން ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ގެއްލުމުގެ އިތުރުން ބޯޑަރުގެ ރައްކާތެރިކަން ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ވުމާ އެކަން 241 ކޮމިޓީގެ ސަމާލު ކަމަށް މައްސަލަ ގެނެސް ބަލަން ޖެހޭ ކަމަށެވެ. އެ ކޮމިޓީން ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

މަޖިލިހުގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި ސިނގިރެޓުގައި ހިމެނޭ މާއްދާތަކުގެ ބާވަތުން އެ ތަކެތި ރައްކާކުރުމުގެ ހުއްދަ ދެނީ ވަކި ގޮތަކަށް ހުންނަ ތަންތަނަށް ކަމުގަ އެވެ. އެގޮތުން މާލޭގެ އިމާރާތްތަކުގެ ފަންގިފިލާތަކުގައި "ބޮންޑެޑް ވެއާހައުސް" ހަދައިގެން ސިނގިރެޓް ރައްކާކުރަމުންދާ ކަމުގަ އެވެ. ދުންފަތުގެ ބާވަތްތަކުގެ އަގަށް ގެނެވޭ ބަދަލާ އެކު ދިމާވެދާނެ ކަންކަމަށް ބަލަން ޖެހޭ ކަމުގަ އެވެ.

ނާޒިމް ދެއްކެވި ވާހަކައަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތާއީދުކުރެއްވި އެވެ. ވިދާޅުވީ ބޯޓުފަހަރަށް ޕޯޓަށް ދެވޭ ގޮތަށް ކަންކަން ދޫކޮށްލާފައި ވަނީ ވަރަށް އިތުބާރުކޮށްފައި ކަމަށެވެ. އެހެންނަމަވެސް އެކަން ކުރާ ފަރާތްތަކުން އެ އިތުބާރު ދަމަހައްޓަމުން ނުދާ ނަމަ އިތުރު ވިސްނުމަކަށް އެކަމުގައި ދާން ޖެހޭ ކަމަށެވެ.

"ދައުލަތުގެ މާލިއްޔާއަށް މިވަރުގެ ބޮޑެތި ގެއްލުންވާ ގޮތަށް އަދި ބޯޑަ ސެކިއުރިޓީގެ އެވަރު ބޮޑެތި ބްރީޗްތައް މިހެން ހިނގާ ގޮތަށް ކަންކަން ހިނގަންޏާ އެއީ މައްސަލައެއް. އެކަންކަން ބަލަން ޖެހޭނެ،" ގަޕޯ ވިދާޅުވި އެވެ.

މައްސަލައަކީ 241 ކޮމިޓީން ވަރަށް ހައްސާސް މައްސަލައެއްގެ ގޮތުގައި ދެކިގެން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވި ގޮތުގައި ސިނގިރެޓުގެ އަގަށް ގެންނަ ބަދަލާ އެކު މިހާރު ވިއްކަމުންދާ އަގަށް ވުރެ ފަސް ރުފިޔާ ބޮޑުވާ ކަމުގަ އެވެ. ކަމުގައި އޮތް ކަންބޮޑުވުމަކީ އަގަށް ބަދަލު ގެންނަން ގާތްވެފައިވާއިރު "އެއާ ފްރައިޓް" ކޮށް ސިނގިރެޓް އެތެރެކުރެވެމުންދާ ދިއުމާ އެކު، ސިނގިރެޓްގެ "ސްޓޮކް" އަށް ބަލާލައިފި ނަމަ، އަންދާޒާ ކުރެވޭ ގޮތުން 200 މިލިއަނާއި 400 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ޑިއުޓީގެ ގޮތުގައި ލިބެން ޖެހޭއިރު، އޭގެން ބައެއް ގެއްލުމުގެ ފުރުސަތު އޮތުން ކަމުގަ އެވެ. އެފަދައިން ލިބިދާނެ ފައިސާގެ ގެއްލުމަކާ މެދު ވިސްނަން ޖެހޭ ކަމުގަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ މައުލޫމާތު ލިބޭ ގޮތުން މިހާރަކަށް އައިސް ސިނގިރޭޓް އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމުގަ އެވެ. އެތަކެތި "ބޮންޑެޑް ވެއާހައުސް" ތަކުގައި ރައްކާކޮށްފައި ބަހައްޓައިގެން ނެރޭނީ ކޮންމެ ދުވަހަކަށް ވެސް ވާވަރަށް ކަމުގަ އެވެ.

"އޭގެ މާނައަކީ އެއީ އަދި އެތެރެކުރި އެއްޗެއް ނޫން. ބޮންޑެޑް ވެއާހައުސްގައި ހުރި އެއްޗިއްސަށް ހަގީގަތުގައި ވެސް ޑިއުޓީ ނެގިގެން ބޭރު ކުރެވެން ވާނީ. އެއީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" ސަލީމް ވިދާޅުވި އެވެ.

ނާޒިމްގެ ހުށަހެޅުން ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށް، މައްސަލަ ބެލުމަށް 241 ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!