ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭ އަދަދު ކުޑަކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ މޭޔަރު އަލީ ނިޒާރު/ ފޮޓޯ: އައްޑޫ ކައުންސިލް

އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭ އަދަދު ކުޑަކޮށްފައިވާތީ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by Hajj Corporation

މި އަހަރަށް 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލްތަކަށް ފާސްކޮށްދީފައި އޮތް ނަމަވެސް އަންނަ އަހަރަށް ކައުންސިލްތަކަށް ދޭން ނިންމާފައިވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެ މައްސަލައިގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއް ކައުންސިލްއަކީ އައްޑޫ ސިޓީ ކައުންސިލްއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު އެކްސްގައި ވިދާޅުވީ ދައުލަތުގެ ބަޖެޓްގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ބްލޮކްގްރާންޓްގެ ގޮތުގައި ހަމަޖެހިފައިވާއިރު، އަދި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާއިރު، ކައުންސިލްތަކަށް ލިބެންވާ އަދަދުގެ ތެރެއިން 3ބައިކުޅަ އެއްބައި މަދުވެ ރަށްތަކަށް ބޭއިންސާފެއް ކަމަށެވެ.

"ކައުންސިލްތަކަށް ގާނޫނުން ކަނޑައޅިފަވާ ބަޖެޓްގެ ފަސް ޕަސެންޓް ސަރުކާރުން ދިރުވާލާއިރު، އަދި ރައްވެހި ޚިދުމަތްތައް ހުއްޓެންދާއިރުވެސް ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރާނެކަމަށްބުނި މަޖިލިސް މެމްބަރުންތައް ހައްޤުބަސް ނުބުނެވި ގަނޑުވެފަ ކަތީބުންގެ ސިފައިގަ ފިތިފައި ތިބުމަކީ ލަދުވެތިކަމެއް."  އަލީ ނިޒާރު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ ކައުންސިލްތަކުގެ ބަޖެޓުކުޑަކޮށްފައިވާތީ ފާޑު ވިދާޅުވެފަ އެވެ.

ޝާހިދު އެކްސްގައި ވިދާޅުވީ ކައުންސިލްތަކަށް ގާނޫނުން ދޭން ކަނޑައަޅާފައިވާ، ކައުންސިލް ހިންގުމަށް ބޭނުންވާ ބަޖެޓުން ބޮޑުބައެއް އުނިކޮށް، ބަޖެޓް ހަދާފައިވުމީ، ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ހުއްޓުވައި، ރައްޔިތުން ނިކަމެތި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް. ކައުންސިލްތަކަށް ލިބިދޭ ބަޖެޓުގެ ނިސްބަތް މަދުކޮށް، އެފައިސާ އެހެންކަންކަމަށް ހަރަދުކުރުމުގެ ގާނޫނީ ބާރެއް ސަރުކާރަށް ލިބިގެން ނުވޭ." ޝާހިދު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!