އެމްއެންޑީއެފުން ހާއްސަ މިލިޓަރީ ޑިސްޕްލޭއެއް ޖުމްހޫރީ މައިދާނުގައި ބާއްވަނީ

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ހާއްސަ މިލިޓަރީ ޑިސްޕްލޭއެއް ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފި އެވެ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެމްއެންޑީއެފުން ވަނީ ނިންމާފަ އެވެ. ދުވަހުގެ އިހުތިފާލުތައް ފަށާފައި ވަނީ ސިފައިން އެއް ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. އިމާމުވެ ނަމާދު ކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ޖަމާއަތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުހައްމަދު މުއިއްޒާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވި އެވެ. ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ވަނީ އެއް ޖަމާއަތެއްގައި ފަތިސް ނަމާދުކޮށްފަ އެވެ.

އިސްލާމީ މަރުކަޒުގައި ކުރެވުނު ފަތިސް ނަމާދު ޖަމާއަތުގެ ތެރެއިން / ފޮޓޯ:އެމްއެންޑީއެފް
ނަމާދަށް ފަހު، 36 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. ހަނދާނީ ބިނާ ސަރަހައްދުގައި ހެނދުނު 6:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް އެވެ.
މި ހަރަކާތްތަކުގެ އިތުރުން ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ގެ ނަމުގައި ހާއްސަ މައުރަޒެއް ވެސް ވަނީ ހުޅުވާފަ އެވެ. މައުރަޒު ހުޅުވައިދެއްވީ ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އެވެ. މައުރަޒުގައި ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ ޑިސްޕްލޭ ބަހައްޓާފައިވާއިރު، އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުން ކުރި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި ފެންނަން ހުންނާނެ އެވެ.

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސް މައުރަޒު ބައްލަވާލައްވަނީ / ފޮޓޯ:ރައީސް އޮފީސް
މިއަދު ހަވީރު ބާއްވާ މިލިޓަރީ ޑިސްޕްލޭ އާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ޑިސްޕްލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ. ޖުމްހޫރީ މައިދާނުގައި އޮންނަ މިލިޓަރީ ޑިސްޕްލޭ ފަށާނީ 4:15 ގަ އެވެ.
އިތުރަށް ބުނީ ދުވަހާ ގުޅިގެން އޭރިއާ ކޮމާންޑްތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.
ނަސްރު ދުވަހުގެ ހާއްސަ ޖަލްސާ އޮންނާނީ މިރޭ 8:15 ގައި ދަރުބާރުގޭގަ އެވެ.