ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭނަން: ނައިބު ރައީސް
ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދެއްވައިފި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024- 14 އަހަރުން ދަށުގެ ޢުމުރުފުރާގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނެވެ.
އެމަނިކުފާނު މިއަދު ވިދާޅުވީ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން، ތަފާތު ހުނަރުތައް ހުރި ފުޓުބޯޅަ ކުޅުންތެރިން ދިވެހި ފަސްގަނޑުގައި އުފެދެމުންދާ ކަމަށެވެ. އަދި ގައުމީ ފުޓުބޯޅަ ކުރިއެރުވެން އޮތީ ކޮންމެ ކުއްޖަކުވެސް ގައުމީ ފެންވަރުގައި، ގައުމީ ރޫހުގައި ކުޅެން މަސައްކަތްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ފުޓުބޯޅަ ދިރުވައި އާލާކުރުމަށް ފުޓުބޯޅަ އެކެޑަމީތަކާއި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންވެސް މިއަދު އެމަނިކުފާނު ވަނީ ކުރައްވައިފަ އެވެ.
އަދި ފުޓުބޯޅަ ކުރިއެރުވުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ނަސްރުގެ ދުވަސް ފަދަ ގައުމީ އިހުތިފާލުތައް ކުރިއަށްދާ ދުވަހެއްގައި، އެމަނިކުފާނު ފުޓުބޯޅަ މުބާރާތެއް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެވަޑައިގަތުމަށް ހަމަޖެހުމުން ދައްކުވައިދެނީ ދިވެހި ސަރުކާރާއި ރައީސް ޑރ، މުހައްމަދު މުއިއްޒުވެސް ފުޓުބޯޅައަށާއި ކުޑަކުދިންނަށް ދެއްވާ އަހައްމިއްޔަތުކަން ކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި ވަނަވަނަ ހާސިލުކުރި ޓީމުތަކަށާއި އޮފިޝަލުންނާއި ރެފްރީންނަށް ތައްޓާއި ހަނދާނީ ފިލަޔާއި އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ޗެމްޕިއަންޝިޕް ބޯޅައިގައި ސޮއިކުރައްވާފަ އެވެ.
ފުޓްބޯޅަ ކުރިއަރުވަންޏާ ފުރަތަމަ މެޗްރެފްރީންގެ ކަންކަން އިސްލާހުކުރަންވީ