އެޗްޑީސީ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖްތަކެއް، ސަމާލުވޭ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ، އެކަމާ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލްކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާކަމަށް ބުނެ ސްކޭމް މެސެޖުތައް ފޯނުތަކަށް ފޮނުވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ސައްހަނޫން އެ މެސެޖުތައް ފޮނުވަމުންދަނީ އޭގައި ލިންކެއް ހިމެނޭ ގޮތައް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހިންގާ ސްކޭމް މެސެޖްތައް އެންމެ ފުރަތަމަ ފެންމަތިވެގެން ސަމާލުވާން ފުލުހުން އަންގާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގަ އެވެ.
އެ ސްކޭމް މެސެޖްތައް ނުހުއްޓުވިގެން ސަމާލުވާން ފުލުހުން ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައިވެސް އިލްތިމާސްކޮށްފަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެޕްލައި ކުރެވޭނެ ކަމަށް ބުނެ ސްކޭމް މެސެޖުތަކަށް ސަމާލުވުމަށް މިދިޔަ އޮގަސްޓު މަހުވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.