ޚަބަރު

ރާއްޖެ ޓީވީ އަކީ އިންޑިއާއިން ޚަރަދުކޮށްގެން ހިންގާ ޓީވީއެއް: މޮސްޓާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖެ ޓީވީއަކީ އިންޑިއާއިން ޚަރަދުކޮށްގެން ހިންގަމުން އަންނަ ޓީވީއެއް ކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު(މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިދިކޮޅުން މާލެތެރެ ހަލަބޮލި ކުރުމަށްޓަކައި، އެކި ގޭންގުތަކަށް ފައިސާބަހަމުންދާ ކަމަށް ރާއްޖެޓީވީން ރޭގައި ގެނެސްދިން ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ފާހަގަ ކުރައްވަމުން މޮސްޓާ ވިދާޅުވީ އެއީ ރާއްޖެ ޓީވީން އަމިއްލައަށް ހަދާފައިވާ ފޭކު ރެކޯޑިން އެއް ކަމަށާއި، މިކަމުގައި އިދިކޮޅުން ޝާމިލުވި އެއްވެސް އިސް ބޭފުޅެއްގެ ނަން ހާމަ ކުރަން ވެސް ރާއްޖެ ޓީވީން ނުކެރުނު ކަމަށެވެ. އަދި އެހާ ޔަގީންކަން އޮތްކަމުގައި ވަނީ ނަމަ ފާޅުގައި އެކަން ކުރި ބައެއްގެ ނަން ހާމަ ކުރެވެން ޖެހޭނެ ކަމަށް މޮސްޓާ "ދެން"އާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މީގެއިތުރުން މޮސްޓާ ވިދާޅުވީ، ރާއްޖެ ޓީވީ އަކީ އިންޑިއާއިން ހިންގާ ޓީވީއެއް ކަމަށާއި، އެހެންވުމުގެ ސަބަބުން ރާއްޖެޓީވީން އިންޑިއާ އާއި ދެކޮޅަށް އެއްވެސް އެއްޗެއް ބުނަންޖެހިލުން ވާނެ ކަމަށެވެ. އަދި އިންޑިއާއަށް އަރަން ބޭނުންވާ ނަމަ މަޑުން ހުރުމަށް އިންޒާރު ދީފައިވާ ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ބޭސް ފަރުވާ އަށް ދެވޭނީ ހަމައެކަނި އިންޑިއާއަށް ނޫން ކަމަށާއި، ލަންކާ ނުވަތަ ތައިލޭންޑަށް ވެސް ބޭސްފަރުވާއަށް ދެވިދާނެ ކަމަށެވެ.

ރާއްޖެޓީވީއަކީ ފިތުނަ އުދައްދާ ޓީވީ އެއް ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު(އަންނި) ވެސް ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން މިކަމަކީ މިސަރުކާރުގެ އަގު ވައްޓާލަން ކުރި ކަމެއް ކަން ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށްދެންއާއި ވާހަކަ ދައްކަވަމުން މޮސްޓާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މޮސްޓާ ވިދާޅުވީ ގުޅާލާ އިރަށް ވަގުތުން ކޯލް ރެކޯޑިން އަށް ލާފައި ވުމުން ވެސް މިއީ ކުޅެފައިވާ ފޭކު ރެކޯޑިންއެއް ކަމާއި ބުއްދި ރަނގަޅު މީހަކު ވިސްނާލައިފިނަމަ މިކަމަކީ ރާވައިގެން ކޮށްފައިވާ ކަމެއް ކަން ވަރަށް ރީއްޗަށް އެނގޭނެ ކަމަށެވެ.

ރާއްޖެޓީވީއަކީ ހަމަސީދާ އިންޑިއާއިން ޚަރަދު ކޮށްގެން ހިންގާ ޓީވީއެއް. އެހެންވީމަ އެމީހުން ޖެހިލުން ވާނެ އިންޑިއާއާއި ދެކޮޅަށް އެއްޗެކޭ ބުނަން.”

މުޙައްމަދު ނަޝީދު(މޮސްޓާ)

މިކަމަކީ ހޯރަފުށި ދާއިރާގެ މެމްބަރުގެ އިތުރުން ރާއްޖެޓީވީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަލީމާއި، މިނިސްޓްރީ އޮފް  ހައުސިންގް، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުގެ އިތުރުން ރާއްޖެޓީވީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަކުރަމް ކަމާލުއްދީނާއި ދެބޭފުޅުން އަޑީގައި ތިއްބަވައިގެން ކުރެއްވި ކަމެއް ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.

Ads by HDC
  1. ކިނބޫ

    ބަރާބަރު، ސަތޭކައިގެ ވާހަކައެއް.