ނިވާކަން ކުޑަ، ދެ ޖިންސުގެ ބޮޑީ ބިލްޑަރުންގެ މުބާރާތަކަށް ފާޑުކިޔުން އަމާޒު ވެއްޖެ
އައްޑޫ ސިޓީގައި, ނިވާކަން ކުޑަ ގޮތަކަށް ދެ ޖިންސުގެ ބޮޑީބިލްޑަރުން ބައިވެރިވެގެން ކުރިއަށްދާ ބޮޑީ ބިލްޑިން މުބާރާތަކަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ބޮޑީ ބިލްޑިން ފެޑެރޭޝަނާއި ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓުގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ.
ބޮޑީ ބިލްޑިންގް މުބާރާތްތަކަކީ، ހަށިގަނޑުގެ ރީތިކަން ދެއްކުމަށް ބާއްވާ މުބާރާތަކަކަށްވާއިރު ރާއްޖޭގައި ވެސް އެކި ފެންވަރުގައި ބޮޑީ ބިލްޑިންގް މުބާރާތްތައް އިންތިޒާމްކޮށް، ކުރިއަށްގެންދާތާ އަހަރުތަކެއް ވެއްޖެ އެވެ.
އެ މުބާރާތުގެ ވީޑިއޯ އާއި ފޮޓޯތައް މީސް މީޑީއާގައި ދައުރަވަމުންދެ އެވެ. ވީޑީއޯތަކުން ފެންނަ ގޮތުގައި އެ މުބާރާތް ފެށީ ގުރުއާނުންނެވެ. އެއަަށް ފަހު މިއުޒިކްގެ ބީޓާއި އެއްވަރަށް ބޮޑީ ބިލްޑަރުން ނިވާކަން ކުޑަގޮތަކަށް އެ މީހުންގެ ހަށިގަނޑު ދައްކާ މަންޒަރު ފެނެ އެވެ.
އެކަމުގެ ކަންބޮޑުވުން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދުގެ އިތުރުން ދީނި އިލްމުވެރިން ދަނީ ޝޯޝަލް މީޑީއާގައި ފާޅުކުރަމުންނެވެ. ސީދާ އެ އިވެންޓުގެ ނަން ނުގެންނަވައި މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"ގައުމުގެ އިޖްތިމާއީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތު ރައްކާތެރިކުރަންޖެހޭ. ގުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގަ،" ޝަހީމް ވިދާޅުވިއެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ރަމީޒް ވެސް ވަނީ އެކަން ކުށްވެރިކޮށް ޕޯސްޓެއް ކޮށްފަ އެވެ. 'އެކްސް' ގައި ކުރި ޕޯސްޓެއްގައި އަލީ ވިދާޅުވީ، ބޮޑީ ބިލްޑިންގެ ނަމުގައި ކުރިއަށް ގެންދަނީ އަންހެނުންނާއި ފިރިހެނުން 'އޮރިޔާމުން' ސްޓޭޖްމަތީގައި ފާހިޝް ނުބައި ހަރަކާތްތައް ދައްކަމުންދާ މުބާރާތެއް ކަމަށެވެ.
"އެ ހަރަކާތްތައް މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް އަޅުގަނޑު ގޮވާލަން. އަދި އެ ލާދީނީ ހަރަކާތް ރާވައިގެން ކުރިއަށް ގެންދާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގޮވާލަން،" އަލީ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލްގެ މުދައްރިސް ޝޭހް ޒަމްޒަމް ފާރިޝް ވެސް ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފަ އެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ރާއްޖެއިން ފެންނަމުންދަނީ މުންކަރާތްތައް އިތުރަށް ތަރައްގީކުރާ މަންޒަރު ކަމަށެވެ.
"ބިސްމި ކިޔައި ގުރްއާނުގެ ބަރަކާތުން ފަށައި ދީނުގެ ޝިއާރުތަކަށް މަލާމާތް ކޮށްފައި. މާދަމާ މިކަން ކުރާނީ ދެ ރަކުއަތް ނަމާދުގެ ބަރަކާތުންތޯ؟ މިހުންނަނީ ބަލައިގަނެވޭނެ ކަންކަމެއް ނޫން. މިއީ މިހާރުން މިހާރަށް ހުއްޓުވަައި، އަދި މިކަމަށް ވާގިދޭ ވަޒީރުން މަގާމުން ވެސް ވަކިކުރަން ޖެހޭ ކަމެއް،" ފާރިޝް ވިދާޅުވި އެވެ.
ފާރިޝް އިތުރަށް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު އިންކާރުކޮށްފައިވަނިކޮށް ބައެއް ވަޒީރުން މިފަދަ އެތައް ކަމެއް ތަކުރާރުކޮށް މުންކަރާތްތަކަށް އަރައިގަންނަމުންދާ ކަމަށެވެ. އަދި ވަޒީރުކަން ކުރައްވަމުން އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތާއި ހިލާފަ ބޮޑެތި މުންކަރާތްތައް ތަކުރާރުކޮށް ހިންގާ ވަޒީރުން މަގާމުން ދުރުނުކުރެވޭންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތަށް ފާޑުކިޔުން އަމާޒުވެފައިމިވަނީ "މިސް ޔުނިވާސް" ގައި ދިވެއްސަކު ބައިވެރިވާން ނިންމުމުން ސަރުކާރުން އެކަން ކުށްވެރިކޮށްފައި ވަނިކޮށެވެ.