8000 އަށް ވުރެ ގިނަ ގޭބީސީގެ ހާލު ބަލައިފި
ފެމެލީ ޑިވެލޮޕްމެންޓުން ކުރިއަށްގެންދާ, ހާލު ކިހިނެތް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8027 ގޭބީސީއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މައުލޫމާތު ހިއްސާކޮށް މިނިސްޓްރީން "އެކްސް" ގައި މިއަދު ކުރި ޕޯސްޓްގައި ބުނީ އެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން 3324 ގޭބީސީއަކާއި އަތޮޅު ތެރޭގެ 4703 ގޭބީސީއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ދެނެގަތުމަށް، މިނިސްޓްރީން މިދިޔަ މޭ މަހު ފެށި އެ މަސައްކަތުގެ ތެރެއިން ދަތިތަކާއި ހާލު ދެނެގަނެ އެ ފަރާތްތަކުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވެ އެވެ.
މިނިސްޓްރީން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދައިން ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ހޯދިފައިވާ ކާމިޔާބީ ހިއްސާކޮށްފަ އެވެ.
އެގޮތުން އަންހެނުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް އެންޑޯމެޓްރިއޯސިސް, ޕީސީއޯއެސް އަދި އިންފާޓިލިޓީ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމާއި އައިވީއެފްގެ ފަރުވާގެ ޝަރުތުހަމަވާ 100 ފަރާތަކަށް އެހީދިނުމަށް ނިންމާފައިވާކަން ފާހަގަކުރި އެވެ.
މިނިސްޓްރީން ބުނީ ކޭސް ވޯކް ކުރުމަށް ގެނެވުނު ބަދަލުގެ ކުރިން ކޭސް ވޯކަރެއްގެ ޖުމްލަ ކޭސްތަކުގެ އަދަދަކީ 278 ނަމަވެސް އެ ނިޒާމަށް ގެނެވުނު ބަދަލާއެކު 6 މަސް ދުވަހުގެ ތެރޭގައި ކޭސް ވޯކަރެއްގެ ކޭސްތަކުގެ އަދަދު 80, 50 އަދި 23 ކޭހަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އަދި އެ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަހަރުތަކެއްކުރިން ފަށާފައިވާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް, މިދިޔަ 12 ވަރަކަށް މަސް ދުވަހުން ހަރުދަނާކޮށްފައިވެ އެވެ.
އެގޮތުން 5 އަތޮޅެއްގައި އިބަމަ, ގާއިމުކޮށް 37 ރަށެއްގައި 194 ފަރާތެއް ތަމްރީން ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ތަމްރީންކުރި 194 ފަރާތަކީ:
- 48 ފަރާތެއް ށ. އަތޮޅުން
- 22 ފަރާތެއް ޅ. އަތޮޅުން
- 43 ފަރާތެއް ބ. އަތޮޅުން
- 36 ފަރާތެއް މ. އަތޮޅުން
- 45 ފަރާތެއް ދ. އަތޮޅުން
އިތުރަށް ބުނީ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތައް ދެނެގަނެ, ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް ފަރުދަކު ބާކީނުވާނެ ގޮތަށް އެ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ.
ބަލާފަ ކަނޑަނ ފޮނި އަޅާނު ތާނގަ ހަބެރެއްނުވޭ