ހިޔާ ފްލެޓުގައި ރަހީނުކުރުން: 8 މީހަކު ތަހުގީގު ނިމެންދެން ބަންދަށް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރެއިން 8 މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެޕާޓްމެންޓެއްގައި މީހަކު ރަހީނުކުރި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހަކު ތިން ދުވަހަށް އަދި ބާކީ 7 މީހުން ނުވަ ދުވަހަށް ބަންދުކުރަން ނިންމި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ފުލުހުން ބުނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަހްމަދު ޒާހިދު (36އ), ދަންމަރު, ށ. ފޯކައިދޫގެ ބަންދަށް 5 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.
އަލްމާން އަލީ ހާލިދު (22އ), ވެހި, ގދ. ވާދޫ އާއި މުހައްމަދު އިޒްކާން (18އ), މ.ހަތިކަނޑު, މާލެ އަދި އިޒާން އަހްމަދު (18އ), ޒުނައިޓްވިލާ, ކ. ގުރައިދޫގެ ބަންދަށް 8 ދުވަސް ޖަހާފައިވާ ކަމަށެވެ.
ބާކީ ތިބި 8 މީހުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވާ މީހުންނަކީ:
- އާދަމް ހުސައިން (48އ), ޖަމީލާމަންޒިލް, ލ. މާވަށް
- އިބްރާހީމް ނަޝީދު (34އ), ހިޔަލީގުލްޝަން, ލ. އިސްދޫ
- އަހްމަދު ސަމީހު (22އ), ނައިޓްސްޓާރ, ބ. ގޮއިދޫ
- އިސްމާއީލް ވިސާމް މުހައްމަދު (29އ), ވ. ގާމާ, ކ. މާލެ
- ވިޝާމް މުހައްމަދު (23އ), ޗިޗަންޑާގެ, ގދ. ވާދޫ
- ވިސާމް މުހައްމަދު (30އ), ހުޅުޏާލެ ހިޔާ 14-17-03,
- މުޝްތާގު ޝާކިރު (37އ), ޖަނަވަރީގެ, ގދ. ވާދޫ
- ހަސަން ޣާލިބު (38އ), އާރެސް, މ. ކޮޅުފުށި
ފުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި މީހާ ރަހީނުކުރި އެޕާޓްމެންޓުގެ ވެރިފަރާތަކީ އާދަމް ހުސެއިން ކަން އެނގިފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުއިރު، މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލައިގެ ތަފްސީލު ހިއްސާކޮށް ފުލުހުން ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުން ރަހީނުކުރި މީހުންނާއި ވިކްޓިމް އާއި ގުޅުން އޮންނަކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ އެއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ހިނގި ދެބަސްވުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ.
އެ އެޕާޓްމެންޓަކީ މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގަމުންދާ ތަނެއް ކަމަށެވެ. އަދި ސީންގައި ވެސް މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.