އިސްވަރުގެ މަސައްކަތް ފެށުމުން މި ފެށެނީ ހޭލުންތެރި އާ ޒަމާނެއް: ސާޖިދާ
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ އޮފީސް ރަސްމީކޮށް ހުޅުވި އެ އޮފީހުގެ މަސައްކަތް ފެށުމުން މި ފެށެނީ ހޭލުންތެރި އާ ޒަމާނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެ އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިދެއްވުމަށް ފަހު ސާޖިދާ ވިދާޅުވީ މިއަދު ހުޅުވި އެ އޮފީހާއެކު ދިވެހި ގައުމިއްޔަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށެވެ.
ހަމަ އެހެންމެ ދިވެހި ގައުމިއްޔަތު ދިރިގެން ދިއުމަކީ މާތް ވެގެންވާ އިސްލާމް ދީނުގެ ގަހަނާއިން އިތުރަށް ޒީނަތްތެރިވުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ ގައުމިއްޔަތު ދިރުވިގެން ދިއުމުގެ ސަބަބުން ދިވެހީންގެ ފަސްގަނޑާއި ދިވެހީންނާއި ދިވެހި ދައުލަތް ރައްކާތެރިކުރުމުގެ އިލްމީ ފިކުރު ދިވެހީންގެ ވިސްނުމުގައި އަށަގަނެވިގެންދާނެ ކަމަށެވެ. އެހެންކަމުން ދިވެހި ގައުމިއްޔަތުގެ އިލްމަކީ ދިވެހީން ދެމިތިބުމާ ގުޅިފައިވާ އިލްމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"މި [އިސްވަރުގެ] އޮފީސް ހުޅުވުމުން މަސައްކަތް އެތައް ގުނައަކަށް އިތުރުވެގެންދާނެކަމާމެދު ޝައްކެއް ނުކުރަން. ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ މަސައްކަތް ރަސްމީކޮށް ފެށުން ހިމެނިގެން ދަނީ ދިވެހި ގައުމިއްޔަތަށް ހޭލުންތެރި އާ ޒަމާނެއް އައުން ކަަމަށް. އާ ހަރަކާތްތެރިކަމެއްގެ ފެށުން ކަމަށް" ސާޖިދާ ވިދާޅުވި އެވެ.
އޭގެ ސަބަބުން ގައުމާމެދު ހެޔޮ ވިސްނުންތައް އުފެދި އުފާވަރި މާދަމާއަކަށް ޖާގަތަނަވަސްވެގެން ދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.