ދީން

އޭ އުޚުތާއެވެ. ތިބާގެ ނަފްސު މީސްމީޑިއާގައި ނީލަން ނުކިޔާށެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިވާހަކަ އަކީ އެވާހަކަ ދެންނެވުމުން ގިނަ ބަޔަކު އެކަމާމެދު ހިތްހަމަ ނުޖެހޭނޭ ކަމެއް ކަމުގައިވެސް ވެދާނެއެވެ. ނުވަަތަ މި ވިސްނުމަކީ "ކަޓު" ވިސްނުމެއްކަމުގައި ވެސް ބަޔަކު މީހުން ދެކިފާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީ ހިނދު މި ކަމަކީ އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަން ޖެހޭ ކަންކަމެވެ.

Ads by STELCO

އާދޭހެވެ. މިއަދު އަޅުގަނޑުމެންނަށް މީސްމީޑިއާގެ އެކި މަންސަތަކުން ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. އަޅުގަނޑުމެންގެ މި ސައްތައިންސައްތަ މުސްލިމު ގައުމުގައި ދިރިއުޅޭ ފުރާވަރުގެ އަންހެން ކުދިން މީސްމީޑިއާގައި ހިއްސާކޮށްފައި ހުންނަ ފޮޓޯތަކަަކީ މުސްލިމު އަންހެން ކުދިން އުޅެންވާނޭ ގޮތެއް ނޫނެވެ. ހަށިގަނޑުގެ ވަނާތައް ފާޅުވާނެހެން ހެދުން އެޅުމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.

ނިވާ ނުވާ ހެދުން ނުވަތަ ވަނާތައް ފާޅުވާ ހެދުންލާ ބައެއް ކުދީންގެ ވިސްނުމާއި މެދު ވެސް ހައިރާންވާހާ ވެއެވެ. އެކުދީންގެ ނަޒަރުގައި އެއީ އަމިއްލަ ކަމެކެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގައި ގޮތް ނިންމާނީ އޭނާ ކަމުގައެވެ. ހެޔޮ ވާނީ ކިހިނަކުންތޯއެވެ. އަޅުގަނޑުމެންގެ ވެރި ރައްބު ﷲތަޢާލާ ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރު ކުރެއްވުމުން ދެން އަޅުގަނޑުމެންނަށް ދެއްކެން އޮތީ ކޮން ވާހަކައެއްތޯއެވެ. ދީނުގެ ހުކުމަކާއި ބަސްބުނެ ޖަދަލު ކުރުމަށް ނިކަމެތި އިންސާނާއަށް އޮތީ ކޮން އިޚްތިޔާރެއް ހެއްޔެވެ.

އަޅުގަނޑުމެންނަށް ރަހުމަތެއްކަމުގައި ފޮނުއްވުނު މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމް ވެސް ވަނީ ޤިޔާމަތް ދުވަހު އައުރަ ނިވާނުކުރާ އަންހެނުންނަށް ހުރި ގަދަފަދަ އަޒާބުގެ ވާހަކައިން އިންޒާރު ކުރައްވާފައެވެ. އެކަލޭގެފާނު ހަދީޡްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބާވަތުގެ މީހުން ދެކެވަޑައެއް ނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގާ ނުހައްގުން ތަޅާ އަދަބުދޭ ބަޔަކާ، ހެނދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ. އެކަނބަލުންނަކީ ސީދާމަގުން އެއްކިބާވެ ނުބައިކަންތަކަށް ލެނބިފައި ތިބޭ އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑުހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވާރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް މިވެނި އެވެނި ދުރުމިނަކަށް ހުންނާނެއެވެ."

އުޚުތާއެވެ. އައުރަ ނިވާކުރުމަކީ ހަމައެކަނި ބޮލުގައި ފޮތިގަނޑެއް އަޅާލުމެއް ނޫނެވެ. އައުރަ ނިވާކުުރުމަކީ އެއަށްވުރެ މާބޮޑު ކަމެކެވެ. ބުރުގާ އަޅާ ހަށިގަނޑުގެ ވަނާތައް ފެންނަވަރުގެ ބާރު އަދި ކިރިޔާ ހަށިގަނޑު ނުފެންނަ ވަރުގެ ކުރު ޓޮޕުކޮޅުތައް ލައިގެން އުޅުމަކީ އައުރަ ނިވާކުރުމަކަށް ނުވާނެއެވެ. އެފަދައިން ބުރުގާ އަޅައިގެން އުޅުމުން ވަނީ ކޮން ފައިދާއެއް ހެއްޔެވެ؟

ޝާއިރެއްގެ ހިކްމަތްތެރި ބަސްކޮޅެއްގައި އައިސްފައިވެއެވެ.

"ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ އިއްޒަތަކީ ކޮބާ؟ ހީލަމުން އެންމެން ބަލާ އަޖުމައިގެ ހުރުމަތަކީ ކޮބާ؟"

ފުންކޮށް ވިސްނާލައްވާށެވެ. މީސްމީޑިއާގައި ތިބާގެ ނިވާކަން ކުޑަ ފޮޓޯތައް ހިއްސާ ކުރާއިރު ތިބާއަށް ތިބާގެ ނަފްސު ނީލަން ކިޔޭ ކަމާމެދު އެބަ ވިސްނާލަން ހެއްޔެވެ. އެކި ފިރިހެނުން ކޮފީތަކަށް އަރާ ބަލަނީ ތިބާގެ ވަނާތަކަށް ކަން އެންމެ ފަހަރަކު ވެސް ވިސްނާލިން ހެއްޔެވެ. އެތައް ބައެއްގެ ހިތަށް ނުބައި ވަސްވާސްތައް ގެނުވަނީ ހަަމަ ތިޔަ އުޚުތާ ހިއްސާކުރާ ފޮޓޯތަކުންކަން ތިބާއަށް އެނގޭ ހެއްޔެވެ. ނީލަމަކަށް އަންހެން ކުއްޖަކު ލާ ވިއްކާލަން އުޅުމުން އެ އަންހެން ކުއްޖާ މީހަކު ގަންނާނެ ބާވައެވެ.

ލޮބުވެތި އުޚުތާއެވެ. އަަޅުގަނޑުމެން އެކަކަށް ވެސް އަޅުގަނޑުމެންގެ މަރު ބައްދަލު ކުރާނޭ އިރެއް ނޭނގޭނެއެވެ. ޣާފިލް ކަމާއެކު މީސްމީޑިއާގައި އަމިއްލަ ފޮޓޯތައް ހިއްސާ ކުރުމުގައި ދެމިހުއްޓާ މަރުއައިސް ބައްދަލު ކުރުމުން ވާނޭ ގޮތް ވިސްނާލާށެވެ. ތިބާ މަރުވެ ދިއުމަށްފަހު ވެސް އެ ފޮޓޯތައް ފެންނަން ހުންނާނެއެވެ. އެ ފޮޓޯތައް މީސްމީޑިއާގައި މީހުން ހިއްސާކޮށް ބެލުމުން ތިބާގެ ފުރާނައަށް ހަމަޖެހުމެއް ލިބޭނެތޯ ނިކަން ވިސްނާ ފިކުރުކޮށްލަ ބަލާށެވެ. އެ ފޮޓޯތަކަކީ ތިބާ މަރުވުމަށްފަހުގައި ވެސް ތިބާއަށް އަޒާބު ލިބުންމަތީ ދެމިހުންނަ ސަބަބަކަށް ވެގެން ހިނގައިދާނެއެވެ.

ލޮބުވެތި އުޚުތާއެވެ. އަންހެނުންނަކީ އިސްލާމްދީނުގައި ވަަރަށް މަތިވެރި މަތިވެރި ދަރަޖައެއް ދެއްވާފައިވާ ބައެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދުނިޔެއަށް އައުމުގެ އަސްލަކީ އަންހެނެކެވެ. އަޅުގަނޑުމެންގެ ލޯބިވާ މަންމައެވެ. އަޅުގަނޑުމެންގެ އިސްލާމްދީނުގައި އަންހެނުން ނިވާވެގެން ތިބުމަށް އަންގަވާފައިވަނީ  އުޚުތުންނަށް މިހާ މަތިވެރި ދަރަޖައެއް ދެއްވާފައި ވާތީއެވެ.

ﷲގެ ވަހީބަސްފުޅުތަކާއި ރަސޫލާގެ ހަދީޡް ބަސްުފުޅުތަކުން އިބުރަތެއް ހާސިލު ކުރާކަށް ނުވޭތޯއެވެ. ﷲއާއި އެކަލާނގެ ރަސޫލާގެ ވައީދުގެ ބަސްފުޅުތަކަށް ބިރުގަނެ އައުރަ ނިވާކުރުމުގައި އަވަސްވާކަށް ނުވޭތޯއެވެ؟ އުޚުތާއެެވެ. ހަށިގަނޑުގެ ވަނާތައް ފެންނަ ގޮތަށް ހެދުން އަޅާ މީސްމީޑިއާގައި ތިބާގެ ނަފްސު ނީލަން ކިޔުން ހުއްޓާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!