ކާބޯތަކެއްޗަށް ދޭ ސަބްސިޑީ ބޮޑުތަނުން ކަނޑައިފި، ރައްޔިތުންނަށް ލިބޭނީ ޝޮކެއް: ކުޑޫ
ކުރިއަށް އޮތް އަހަރުތަކުގައި ކާބޯތަކެއްޗަށް ދޭ ސަބްސިޑީ ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށާއި، އެކަމުން ރައްޔިތުންނަށް ލިބޭނީ ޝޮކެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ، އަންނަ އަހަރަށް ލަފާ ކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ބޮޑުތަނުން ސަބްސިޑީތައް ކަނޑާފައިވާ ކަމަށެވެ. އަދި ކުއްލިއަކަށް އަސާސީ ކާބޯތަކެތިން ސަބްސިޑީ ކަނޑާލާކަން ފާހަގަކުރައްވާ، ބަޖެޓްގެ ތަފްސީލު ހިއްސާކުރެއްވި އެވެ.
"ކާބޯތަކެއްޗަށް ދޭ ސަބްސިޑީ ވަނީ 352 މިލިއަނުން 93 މިލިއަނަށް 2025 ވަނަ އަހަރު ދަށްކޮށްފަ. އަދި 2026 އަދި 2027 ގައި އެންމެ 3 ލައްކަ ރުފިޔާއަށް ދަށްކޮށްފަ. ކުއްލިއަކަށް އަސާސީ ކާބޯތަކެތިން މިހާ ބޮޑަށް ސަބްސިޑީ ކަނޑާލީމަ ރައްޔިތުންނަށް ލިބޭނީ ޝޮކެއް،" ކުޑޫ ވިދާޅުވި އެވެ.
ސަރުކާރުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ކަރަންޓާއި ތެލުން ސަބްސިޑީ ކެނޑުމަށް ނިންމައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި އެ ބަދަލު ގެނެސްފައިވާތީ ކުޑޫ ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ. ކަރަންޓާއި ތެލުން ވެސް ސަބްސިޑީ ކަނޑާފައިވާކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ، އެއީ ރައްޔިތުންގެ ޖީބަށް ބުރަ ބޮޑުވާނެ ކަމެއް ކަމަށެވެ.
"2024 ގައި 300 މިލިއަން ކަނޑާލައިފި. 2025 ގައި 400 މިލިއަން ކަނޑާލައިފި. 2026 ގައި އިތުރު 200 މިލިއަން ކަނޑާލަން މިވަނީ ނިންމާފަ. 2025 ގައި ކަރަންޓު ބިލަށް ސަބްސިޑީގެ ބަދަލަށް 700 މިލިއަން ރުފިޔާ ރައްޔިތުން އިތުރަށް ދައްކަންޖެހޭ،" ކަރަންޓަށް ސަރުކާރުން ދޭ ސަބްސިޑީއަށް ގެނައި ބަދަލު ފާހަގަ ކޮށްދެއްވަމުން ކުޑޫ ވިދާޅުވި އެވެ
ހަގީގީ މާނައިގައި ރައްޔިތުން ބިކަ ކުރުމަކީ އެއީ ކަން ފާހަގަކުރައްވާ ކުޑޫ ވިދާޅުވީ، ކަރަންޓަށް ސަރުކާރުން ދޭ ސަބްސިޑީ ކެނޑުމުން މަސައްކަތްކުރާތާ އަހަރެއްވާއިރު، ކޮންމެ ރައްޔިތަކު 5،000ރ އިތުރަށް ދައްކަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން، އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ތެލުގެ ސަބްސިޑީގެ ގޮތުގައި އޮތީ 433 މިލިއަން ރުފިޔާ ކަމަށާއި، އެހެންކަމުން 1.8 ބިލިއަން ރުފިޔާ އިތުރަށް ރައްޔިތުންގެ އަތުން ހޭދަވާނެ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެއީ ދިވެހި މަސައްކަތްކުރާ މީހަކަށް އަހަރަކު 12 ހާސް ރުފިޔާ އެވެ.
ސަރުކާރުން ރައްޔިތުންނަށް ކުރާ ހޭދަ ކުޑަކުރުމަށްފަހު، ޓެކްސް ބޮޑުކުރުމުން ދެން ރައްޔިތުންނަށް ލިބޭނެ ގެއްލުން ވެސް ވިސްނާލަން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުން ފެންނަނީ ރާއްޖެ މީގެ އެތައް އަހަރެއް ފަހަތަށްދާ މަންޒަރު ކަމަށެވެ.