އާ ހެކި އެއްފަރާތްކުރަން ހުށަހެޅި ހުށަހެޅުމަކީ ގާނޫނާ ހިލާފު ކަމެއް: ދައުލަތް
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް, ކްރިމިނަލް ކޯޓުން އަލުން ބަލަން ފެށި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހެޅި އާ ހެކިތައް އެއްފަރާތްކުރުމަކީ ގާނޫނާ އަސާސީ އާ ހިލާފު ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ބުނެފި އެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލަ އާ ގުޅިގެން މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ކޯޓުގެ ނިންމުން ގާނޫނު އަސާސީގެ 143 ވަނަ މާއްދާ ހިލާފުވާތީ، އެ މާއްދާގައި ބުނަނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށެވެ.
އެގޮތުން ސުޕްރީމް ކޯޓުން ހުށަހަޅާފައިވާ އަލީ ޒުބައިރުގެ މައްސަލަ ހައިކޯޓުގެ މައްސަލަ އާ ހިލާފު ކަމަށް ޝަފީއު ފާހަގަކުރެއްވި އެވެ. އަދި މި މައްސަލާގައި ކަނޑައަޅާފައިވަނީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ހާލަތުގައި ނުވަތަ އައިބު ކަންތައްތަކާ އެކު އިޖުރާއަތް ފުރިހަމަކޮށްފައިވާ ހާލަތުގައި އެކަން ފުރިހަމަކޮށް އިސްލާހު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޝަފީއު ފާހަގަކުރެއްވި އެވެ.
ޝަފީއު ވިދާޅުވީ އާ ހެކި ހައިކޯޓުން އެއް ފަރާތްކުރަން އެންގިއިރު އޭގައިވާ އިޖުރާއީ މައްސަލަތައް އެއްކޮށް ހައްލު ކުރުމަށް އާ ހެކި ހުށަހެޅުން އޮތްނަމަ އެ ފުރުސަތުދީ އެކަމަށް ބަހުސްކޮށް، އެކަމަށް ދަށު ކޯޓުން ގޮތެއް ކަނޑައެޅުމުން މިހާރު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތަށް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ.
ޝަފީއު ވިދާޅުވީ ހެކި ހުށަހަޅާފައިވަނީ ހެކިން ދެއްކި ވާހަކަތައް ރިއާޔާތްކޮށް، ދޮގު މައުލޫމާތު ހިމެނޭހެން ވާހަކަ ދެއްކި ކަމަށް ޝައްކުކުރެވިގެން ކުރެވުނު މަސައްކަތުން ރައީސް އޮފީހާއި ޑިފެންސް ފޯސްއިން ލިބުނު ހެކިތަކާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ޝަފީއު ވިދާޅުވީ ޝަރީއަތް ކުރިއަށް ދަނިކޮށް އާ ހެކި ހުށަހެޅުމަކީ ގައިރު ގާނޫނީ ކަމެއް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިނުވާ ކަމަށެވެ. އެހެންވެ ދައުލަތުން އެދިފައިވަނީ އާ ހެކި އެއްފަރާތް ކުރަން ހައި ކޯޓުން ނިންމާފައި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްދޭން ކަމަށް ޝަފީއު ވިދާޅުވި އެވެ.
އެހެންކަމުން އިސްތިއުނާފް ރައްދުވާ ފަރާތްތަކުން ދެއްކެވި ވާހަކަތަކުން ފާހަގަކުރެވުނީ ދައުލަތުން އެދިފައިވާ ކަންކަމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އެދެނީ ބަހުސް ކުރުމުގެ ފުރުސަތު ދަށު ކޯޓުގައި އަލުން ފަހިކޮށްދިނުމަށް ކަމަށް ޝަފީއު ވިދާޅުވި އެވެ.
މިކަމަށް ރައްދު ދިނުމުގެ ގޮތުން ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ދައުލަތުގެ އިސްތިއުނާފް ފޯމް އާއި ރައްދާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހެކި ހުށަހަޅާފައިވަނީ ހެކިން ހުށަހެޅި ހެކި ބަހުސް އާ ގުޅިގެން ކަމަށް ހަމްޒާ ވިދާޅުވި އެވެ.
އެއީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމުގެ ހައްގު ގެއްލޭ ކަމެއް ކަމަށާއި އަދި އެއީ ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރޭގައި އޮތް ފުރުސަތެއް ވެސް ނޫން ކަމަށްވެސް ހަމްޒާ ފާހަގަކުރެއްވި އެވެ. އަދި ދައުލަތުން ހެކިންގެ ހެކިބަހާ ގުޅިގެން އަމަލުކޮށްފައި އޮތް ގޮތުން ދައުވާ ރައްދުވާ ފަރާތުގެ ހައްގުތަކަށް އަސަރުކޮށްފައިވާ ކަމަށް ހަމްޒާ ފާހަގަކުރެއްވި އެވެ. މިއީ އެހާ ފަސޭހައިން އިސްލާހުކޮށްލެވޭ އިޖުރާއެއް ނޫން ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. މި މައްސަލާގެ އިތުރު އަޑުއެހުމެއް ދެން ކުރިއަށްދާނީ ސްޕްރީމް ކޯޓު ރިސެސްއަށް ދިއުމަށްފަހު އަންނަ ޖެނުއަރީ މަހުގަ އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި ޖަލު ހުކުމް ވަނީ އިއްވާފަ އެވެ. ނަމަވެސް އެ ޖަލު ހުކުމް ހައި ކޯޓުން އޮތީ ބާތިލުކޮށްފަ އެވެ.
އާ ރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމްކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ހިމެނޭ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި އެވެ.
މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް, އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް ބާތިލުކޮށް, ދަށު ކޯޓުން އަލުން ބަލަން އަމުރުކުރި އެވެ.