ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފި
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހެޅި ބިލު މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފި އެވެ.
ފަސް އިސްލާހެއް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ގެންނަން ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ބިލު މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފައިވަނީ 75 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިނުގަތުމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މިއަދުގެ ޖަލްސާއަށް ތައާރަފުކުރި ބިލުގެ ބަހުސް ނިންމާލިއިރު ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ 13 މެންބަރުންނެވެ. ބިލުގެ ބަހުސްއަށް އިދިކޮޅު އެމްޑީޕީއަށް ދިން ވަގުތު ހަމަވިއިރު، އެ ޕާޓީން ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ 7 މެންބަރެކެވެ. ދެން އެ ބިލުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ ޕީއެންސީގެ 5 މެންބަރުންނާ އަދި އަމިއްލަ މެންބަރެކެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އިތުރުކުރަން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުމުން, ވަކިކުރުމުން, އެހެން ސިޔާސީ ޕާޓީގެ މެންބަރަކަށްވުމުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.
ބިލުގެ އިބްތިދާއީ ބަހުސްގައި އިދިކޮޅު އެމްޑީޕީ މެންބަރުން ވަނީ ބިލުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުން ޕާޓީން ވަކިވުމުން ނުވަތަ ޕާޓީިން ވަކިކުރުމަށް އޮތް އިސްލާހަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަޖިލީހުގެ ޖަލްސާ ނިންމާލައި ކޮމިޓީގެ މަސައްކަތް ފެށީ އޭގެ 15 މިނެޓު ފަހުންނެވެ. ކޮމިޓީ މަރުހަލާގައި ވެސް އެ ބޭފުޅުން ފާހަގަކުރެއްވީ އެ ބިލު ބަދަލުކޮށްގެން ނޫނީ ފާސްކުރަން ނުވާނެ ކަމަށެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ސިޔާސީ ޕާޓީތަކާއި ދާއިރާގެ ރައްޔިތުންގެ ބަހެއް ހޯދުމަށް ހުށަހަޅުއްވާފަ އެވެ.
އެ އިސްލާހަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވުމުން ވޯޓަށް އެހި އެވެ. އެހެންނަމަވެސް 69 މެންބަރުންގެ ވޯޓުން އެ ހުށަހެޅުން ބޭރުކޮށްލިއިރު، ހުށަހެޅުމަށް ތާއީދު ކުރެއްވީ 11 މެންބަރުންނެވެ.
އޭގެ އިތުރުން 73 ވަނަ މާއްދާ އުނިކުރަން ވެސް މީކާއިލް ހުށަހެޅުއްވި އެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެ އިސްލާހަށް ތާއީދު ކުރެއްވި އެވެ.
އެ އިސްލާހު ބޭރުކޮށްލާފައިވަނީ 75 މެންބަރުންގެ ވޯޓުންނެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެ ބިލަށް ވަކި ގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވި އެވެ.