ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސްކޮށްފި
ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް ހުށަހެޅި 5 އިސްލާހެއްގެ ބިލު މިއަދުން މިއަދަށް ނިންމާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލު ފާސްކޮށްފައިވަނީ 78 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވި އެވެ.
މިއަދުގެ ޖަލްސާއަށް ތައާރަފްކުރި އެ ބިލުގެ ބަހުސާއި މުޅި މަޖިލިސް ކޮމިޓީގެ މަސައްކަތްވެސް ނިންމާލާފައިވަނީ މިއަދެވެ.
މެންބަރުންގެ ގޮނޑި ގެއްލުން
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އިތުރުކުރަން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީއިން ވަކިވުމުން, ވަކިކުރުމުން, އެހެން ސިޔާސީ ޕާޓީގެ މެންބަރަކަށްވުމުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ގުޅިއްޖެނަމަ ގޮނޑި ގެއްލޭނެ އެވެ.
މަޖިލީހުގެ ރުހުމާއިއެކު ސިފައިން ތިބުން
އެ ބިލްގެ 4 ވަނަ އިސްލާހަކީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެއީ އެ އިސްލާހުގައި ބުނެފައިވަނީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި, މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބާރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެނެއްނުވާނެ ކަމަށެވެ.
ކަނޑުން ސަރަހައްދެއް ދޫކޮށްލެވޭނީ މަޖިލީހުން ފާސްކޮށްގެން
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކޮށްގެން ހެދުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ގާނޫނު އަސާސީގައި ލިޔަން ހުށަހަޅާފައިވެ އެވެ.
އެ މާއްދާއަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުގެ ބަދަލުގައި ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތަށް ބަދަލުކުރުމަށެވެ. މުޅި މަޖިލިސް ކޮމިޓީން އެ ބިލް ފާސްވެފައިވަނީ އެ އިސްލާހާއެކު އެވެ.
ގައުމީ ތަރަައްގީގެ ޕްލޭން ރައީސަށް
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބ ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އެންގުމާއި، އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމެވެ.
ޝާޑު ހުށަހެޅުއްވި ބިލުގައި އިތުރަށް ލިޔެފައިވަނީ (ކުރު ރާސްތާއަށާއި، މެދު ރާސްތައަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުން) އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ އިސްލާހުކުރެވޭނީ ރައްޔިތުންގެ ހިޔާލުން
ގާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ރިޔާސީ އަދި މަޖިލިސް މެންބަރުންގެ ދައުރު ހިމެނޭ ގާނޫނުއަސާސީގެ މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ބުނާ މާއްދާ އިސްލާހުކުރަން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން އެ ބިލުގައި ހުށަހަޅާފައިވެ އެވެ.
ކޮމިޓީ މަރުހަލާގައި އެ ބިލް ފާސްކޮށްފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާއަށް ރާއްޖޭގެ ސަރަހައްދު ކަނޑައެޅުން ވެސް ހިމަނައިގެންނެވެ.