ބޭސް ސިޓީއަށް ބޭސް ނެގުމުން ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަނީ

މެދުކެނޑުމަކަށް ފަހު އާސަންދަ ސްކީމުގެ ދަށުން ބޭސް ސިޓީއަށް ބޭސް ދޫކުރާއިރު، ބޭހާ ހަވާލުވާ ފަރާތުގެ ފޯނަށް "ޑިސްޕެންސް ކޯޑު" ފޮނުވަން އަލުން ފަށައިފި އެވެ.
އާސަންދައިގެ ދަށުން ފާމަސީތަކުން ބޭސް ދޫކުރާއިރު، ބޭހާ ހަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވާ ގޮތަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު ހަމަޖެއްސި އެވެ. އެ ކުންފުނިން އޭރު ބުނެފައި ވަނީ އާސަންދައިން ބޭސް ދޫކުރާ ހުރިހާ ފާމަސީއެއްގައި އެކަން ތަންފީޒުކުރާނެ ކަމަށެވެ.
އާސަންދަ ކުންފުނިން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އާސަންދަ ސްކީމުގެ ދަށުން ބޭސް ދޫކުރާއިރު، ބޭހާ ހަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން މިއަދު އަލުން ފަށާނެ ކަމަށެވެ.
ޑިސްޕެންސް ކޯޑު ފޮނުވާނީ ބޭހާ ހަވާލުވާން އަންނަ ފަރާތުގެ އައިޑީ ކާޑު ފާމަސިސްޓަށް ދެއްކުމަށް ފަހު އެ ފަރާތުގެ ފޯނު ނަންބަރު ދިނުމުން އެ ނަންބަރަށެވެ.
ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ އެ ކޯޑު އާސަންދަ ޕޯޓަލްއަށް އެންޓަކޮށްގެން ކަމަށް ވެސް އާސަންދައިން ބުނެ އެވެ.
ބޭސް ދޫކުރާއިރު ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން އާސަންދައިން ނިންމިއިރު، އެ ނިޒާމުގެ ތެރެއިން ބައެއް ބޭސް ނުއަގުގައި ވިއްކަމުންދާ ކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.
އާސަންދަ ނިޒާމަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ އެ ނިޒާމު ހަރުދަނާކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ބޭހަށް ކުރަމުން އަންނަ ހޭދަ ކުޑަކުރުމުގެ ގޮތުން ބަލްކް ޕްރޮކިއުމަންޓް އުސޫލުން މިހާރު ދަނީ ބޭސް އެތެރެކުރަމުންނެވެ.
ޓި ވަރަށް ރަނގަޅު ގޮތެއް