ހޯކްސްއިން ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގައި އިހުސާނާއި އަމީން ކޮމިޓީއަށް ހާޒިރުކުރަނީ
މިދިޔަ މަސް ތެރޭގައި ހޯކްސް ޕްރައިވެޑް ލިމިޓެޑްގެ ބޯޓެއް ކަމަށްވާ, "އެމްޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ވަގަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓްގެ މައްސަލާގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނާއި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެގޮތަށް ނިންމީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އެ މައްސަލައާ ގުޅިގެން ކޮމިޓީ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވީސް އަށް ފޮނުވި ސިޓީގެ ޖަވާބު ކަސްޓަމްސް އަށް ލިބިފައިވާ ކަމަށެވެ.
އަދި ކަސްޓަމަށް ދީފައި އޮންނަނީ 40 މީޓަރު ކަމަށްވާއިރު ކުންފުނިތަކިން ޕޯޓާ ގާތްކުރާ ބޯޓު ފަހަރުގައި 150 މީޓަރު ހުންނަ ކަމަށް ކޮމިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެކަން ހައްލުކޮށްދިނުމަށާއި އެކަމާ ގުޅިގެން ޖަވާބެއް ދިނުމަށް މިނިސްޓަރު އަމީންއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބު އަންގާރަ ދުވަހުގެ ކުރިން ދިނުމަށް މުއްދަތު ދީފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އެކަމުގެ ތަހުގީގު ކުރިއަށްދާ ގޮތް ސާފުކުރުމަށް އިހުސާނަށް ދަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކޮމިޓީން އެކަމަކަށް ހަމަ ދުލެއް ނުދޭނެ. ކޮމިޓީއިން ހަމަ އަޅުގަނޑުމެން ކުރިއަށް ގެންދާނަން އަޅުގަނޑުމެން މަގުމަތިން އެހެންތަނަކުން އަންނަ ހަމަލާ އަޅުގަނޑުމެން ޖެހިލުމެއް ނުވާނަމޭ މި ކޮމިޓީގެ މެންބަރުންނެއް. ގައިމުވެސް އަޅުގަނޑު ޖެހިލުމެއް ނުވާނަން. އަޅުގަނޑު މި ކޮމިޓީގައި އެކަން ގެންދެވެން ހުރި އެންމެ އިންސާފު ހިސާބަށް ގެންދަން އަޅުގަނޑު މަސައްކަތް ކުރާނަން. އެއްގޮތަކަށްވެސް ދުލެއް ނުދޭނެ."
ސަލީމް ވިދާޅުވީ ގައުމަށް ނުރައްކާތެރިކަމެއް އަންނަ ކަން އެނގި, ކޮމިޓީގައި އިނދެގެން އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއްކަން ފާހަގަކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮމިޓީއިން އިސްނައިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އިހުސާނާއި އަމީން ހާޒިރުކޮށް, ލައިވްކޮށްގެން ބައްދަލުވުން ކުރިއަށް ގެންދަން ނާޒިމް ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެގޮތަށް ފާސްވެ ކޮމިޓީއިން ނިންމީ ވީ އެންމެ އަވަހަށް އެ ދެ މިނިސްޓަރުން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.
"އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން އެތެރެކުރި ސިނގިރޭޓްތައް އަތުލައިގެންފައިވަނީ "ހޯކްސް ރޯދި" ނަމަކަށް ކިޔާ ދޯންޏަކަށްއަރުވައިގެން ކ. ތިލަފުއްޓަށް ގެންދިޔަ ފަހުންނެވެ.