ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ޖެހިޖެހިގެން 5 ވަނަ ފަހަރަށް ރާއްޖެއިން ދިފާއުކޮށްފި އެވެ.
މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޕޯޗުގަލްގެ މަދީރާގަ އެވެ. ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. މި އެވޯޑު ރާއްޖެއިން ހާސިލުކޮށްފައި ވަނީ 18 ގައުމަކާ ވާދަކޮށްގެންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި މި އެވޯޑު ރާއްޖެއަށް ލިބުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އެވޯޑު ރާއްޖެއަށް ލިބިފައި ވަނީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އެވޯޑާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއް ކަމުގައި ފާހަގަކުރެއްވި އެވެ.
ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން ރާއްޖެއިން ވަނީ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑާއި ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓާ އެވޯޑު ހޯދާފަ އެވެ. މި އެވޯޑު ލިބިފައި ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށެވެެ. މި އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކުން ވަނީ ގިނަ އެވޯޑުތަކެއް ހޯދާފަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑުތައް ދެމުން އަންނަނީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކެޓަގަރީތަކުންނެވެ.