Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ޒަކިއްޔާގެ މަރަށް 2 މަސް، އިންސާފަށް އެދި މުޅި ހޮޅުދޫ އެއް އަޑަކުން ގުގުމާލައިފި

ޒަކިއްޔާގެ މަރަށް 2 މަސް، އިންސާފަށް އެދި މުޅި ހޮޅުދޫ އެއް އަޑަކުން ގުގުމާލައިފި

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފު ނުލިބި 76 ދުވަސް ފާއިތުވެ ދިޔައިރު ވެސް، މަރާ ގުޅިގެން ތަހުގީގު މަރުހަލާ އަވަސްކޮށް، އިންސާފު ހޯދައިދިނުމަށް ގޮވާލާ އެ ރަށުގައި އެއްވުމެއް ބާއްވައިފި އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު، ބޮލަށް ޒަހަމްތަކެއް ލިބި ކަރުގައި ތޫނު އެއްޗަކުން އަޅައި، ލިބުނު ޒަހަމްތަކުން ނޭވާ ހޮޅި ވެސް ވަނީ ބުރިވެފަ އެވެ.

ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނުތާ 8 ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ނިމުމުން ތަފުސީލު ހާމަކުރާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އޭގެ ފަހުން އެއްވެސް ތަފުސީލެއް ހާމަކޮށްފައި ނުވާތީ މިދިޔަ ހޮނިހިރު ދުވަހު "ދެން" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މައުލޫމާތު މީޑިއާތަކާ ހިއްސާކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ކުރިން އެއްވެސް މައުލޫމާތެއް ހިއްސާކުރަން މީޑިއާ އޮފިސަރު އުޒުރުވެރިވި އެވެ.

މަރަށް 76 ދުވަސްވީއިރު ވެސް ފުލުހުންގެ ތަހުގީގީ މަރުހަލާގެ އަޕްޑޭޓެއް ޒަކިއްޔާގެ އާއިލާއަށް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެ އާއިލާއިން ދަނީ ފާޅުކުރަމުންނެވެ. ޕޮލިސް ރިޕޯޓު ހިއްސާކޮށްދިނުމަށް އެދުނު ނަމަވެސް އާއިލާގެ އެ އެދުން ފުލުހުން ފުރިހަމަކޮށްދީފައެއް ނުވެ އެވެ.

https://dhen.mv/253998

އެރަށު ފުޓުބޯޅަ ދަނޑު ސަރަހައްދުން ގާތްގަނޑަކަށް ހަވީރު 4:15 ގައި ފެށި އެއްވުމުގައި ބައިވެރިވި މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ފުލުހުންގެ ތަހުގީގީ މަރުހަލާގެ އަޕްޑޭޓެއް ނުލިބި 2 މަހާއި 15 ދުވަސް ފާއިތުވެފައިވުމެވެ. އެއްވުމުގެ ބައިވެރިން ވަނީ ޒަކިއްޔާގެ މަރާ ގުޅިގެން ވާނުވާ ނޭނގި ލަސްވަމުންދާ ދިއުމާ ގުޅިގެން، "މުޅި ރަށް ނާމާން" ވެފައިވާ ކަމަށާއި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް "ޖަވާބު ބޭނުންވާ" ކަން ހާމަކޮށްފަ އެވެ.

ރަށަށް ވެރިވެފައިވާ ހިތާމަ ފާޅުކުރުމުގެ ގޮތުން އެއްވުމުގައި ބައިވެރިވި ގިނަ މީހުން ތިބީ ކަޅު ކުލައިގެ ހެދުމުގަ އެވެ. ގާތްގަނޑަކަށް 200 އެއްހާ މީހުން ބައިވެރިވި އެއްވުމުގައި "ކެތްތެރިކަން ކޮޅުންލައިފި" ކަމަށާއި "މިއީ އަނިޔާ" ފަދަ އިބާރާތްތައް ބޭނުންކޮށްފައިވާ ލިޔުންތައް ބޭނުންކުރިއިރު، ޒަކިއްޔާގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ވެސް އެއްވުމުގެ ތެރެއިން ގެނަ އެވެ.

އިހުތިޖާޖުގައި ބައިވެރިވި އެ ރަށުގެ ރައްޔިތުން ވަނީ "ޒަކިއްޔާ މަރާލީ" ކަމަށާއި "ޒިންމާ ނަގައި"، "ގާތިލު ހައްޔަރު ކުރުމަށް" ގޮވާލާފަ އެވެ. "މިއަދު ޒަކިއްޔާ، މާދަމާ ކާކު؟" އެއްވުމުގައި ގޮވަމުން ދިޔަ އެވެ.

[caption id="attachment_254497" align="alignnone" width="960"]<img class="size-full wp-image-254497" src="https://cdn.dhen.mv/wp-content/uploads/2024/11/FB_IMG_1732544817727.jpg" alt="" width="960" height="720" /> ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހޮޅުދޫގައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން[/caption]

ތުނިކޮށް ވާރޭވެހެމުން ދިޔަ ނަމަވެސް ރަށުގެ ބޮޑެތި މަގުތަކުގައި ހިނގުމަށްފަހު، އެއްވުމުގެ ބައިވެރިން  ރަށުގެ ބަނދަރު ސަރަހައްދުގައި މަޑުކޮށް އަޑުއުފުލި އެވެ. އެއްވުން ނިންމާލާފައި ވަނީ ރަށުގެ ފުޓުބޯޅަ ދަނޑުންނެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާތީ އެ ރަށު ގިނަ މީހުން އަންނަނީ ޒަކިއްޔާ މަރުވީ "އަމިއްލައަކަށް ނޫން" ކަމަށް ބުނެ އިންސާފު އަވަސް ކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް