މަޖިލީހުގެ ރައީސް، ނަޝީދާއި ބައްދަލުކުރި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި އެވެ.
އަބްދުއްރަހީމް, ނަޝީދުއާ މިއަދު ބައްދަލުކުރެއްވި ކަމަށް ބުނެ، ރާއްޖޭގެ ނޫހަކުން ހަބަރެއް ޝާއިއުކޮށްފައިވެ އެވެ.
އެ ވާހަކަތައް ދޮގުކޮށް، މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅު، މުރައިދޫގެ ޗީފް އޮފް ސްޓާފް އާދަމް ހަލީމް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ދެ ބޭފުޅުން ބައްދަލުނުކުރައްވާ ކަމަށެވެ.
"ކެނެރީގޭގައި ވެސް، މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅު މުރައިދޫގައި ވެސް، އެހެން ތަނެއްގައިވެސް އަބްދުއްރަހީމް އަބްދުﷲ ނަޝީދާ ބައްދަލެއް ނުކުރައްވާ،" ހަލީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ އެވާހަކަ ދޮގު ކޮށްފައެވެ. އެ އިދާރާއިން ބުނީ، މަޖިލީހުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެން ފަހުން އަބްދުއްރަހީމް ދުވަހަކުވެސް ކުރީގެ ރައީސް ނަޝީދާއި ބައްދަލުކުރައްވާފައި ނުވާ ކަމަށެވެ.
ނަޝީދު މިހާރު ދިރިއުޅުއްވަނީ ގާނާގަ އެވެ. ނަޝީދު ގާނާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ އެމަނިކުފާނު އިސްވެ އުފެއްދެވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު އަދާކުރެއްވުމަށެވެ.
ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަޝީދު އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.