Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކުން، އެޑްވާންސް ނަގައިގެން ކުރީ ވިޔަފާރި

މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކުން، އެޑްވާންސް ނަގައިގެން ކުރީ ވިޔަފާރި
ވޭތުވެދިޔަ އަހަރުތަކުގައި ދައުލަތުގެ ބަޖެޓުން 39 ބިލިއަން ރުފިޔާގެ މަޝްރޫއުގައި ސޮއިކޮށްފައިވާއިރު އެ މަޝްރޫއުތަކުގެ ތެރެއިން އެޑްވާންސް ފައިސާ ނަގާ, ވިޔަފާރިތައްކުރާ ކުންފުނިތައް ހިމެނޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ. މިނިސްޓަރު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް, އެ ދާއިރާގެ ވެލިދޫ އާއި ފޮއްދޫ ބަނދަރާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ. މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމުގެ ފުރުސަތުގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވަނީ މިހާރު ކޮންޓްރެކްޓް ކުރެވިފައިވާ ލ. ހިތަދޫ ކޯޒްވޭއާއި ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއަށް ބަޖެޓް ހަމަޖެހިފައިވޭތޯ ސުވާލުކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ އެ މިނިސްޓްރީގައި މިހާރުވެސް 39 ބިލިއަން ރުފިޔާގެ މަޝްރޫއު ސޮއިކުރެވިފައި އެބަހުރި ކަމަށެވެ. އަދި އެ އަދަދަށް އަހަރެއްގެ ތެރޭގައި އާމްދަނީވެސް ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަންކަމަކީ މެންބަރުންވެސް ވިސްނާލަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"2023 ވަނަ އަހަރުގައި ވަރަށް ބައިވަރު މަޝްރޫއުތަކެއް ސޮއިކޮށްފައި, ފަށާފައި އެބަހުއްޓޭ. އެއަކީ ދައުލަތުގެ ބަޖެޓެއްގެ ތެރެއިން ހަރަދުކުރެވޭނެ ވަރުގެ އަދަދެއް ނޫނޭ."
މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބެޖެޓްގައި ހުރީ ކޮންމެ ރަށަކަށް "އެތި ކޮޅެއް" ދޭ ގޮތަށް ކަމަށާއި އެގޮތަށް ހެދުމުން އެއްވެސް ރަށެއްގެ މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ. އަދި އެހެންނަމަވެސް 2025 ވަނަ އަހަރުގެ ބަޖެޓް ހަދާފައި ވަނީ އެންވެލޯޕެއްގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ލިބޭ ވަރަކުން ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެއަށްފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާވޫދު ވިދާޅުވީ 100 މިލިއަނަށްވުރެ ބޮޑު އަގުގައި ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދަން ހަވާލުކޮށްފައިވާ 400 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ދަށުން ހަމައެކަނި ކުރެވުނީ ތަނބުކޮޅަކާއި ބިންގާގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ދާވޫދު އެދިވަޑައިގެންނެވި އެވެ. އެ ސުވާލުގެ ޖަވާބަށް މިނިސްޓަރު ވިދާޅުވީ އެއީވެސް އެޑްވާސް ޕޭމަންޓް ނަގުމަށްފަހު ކުދި މަސައްކަތްތަކެއް ކޮށްލުމަށްފަހު ހުއްޓާލާފައިވާ މަޝްރޫއެއް ކަމަށެވެ. ދޮންފަނުގެ ބަނދަރުގެ މައްސަލާގައި މި އަހަރުގެ ބަޖެޓްގައި ޖައްސަވާނެ ކަމަށް ވިދާޅުވި ނަމަވެސް ޖައްސަވާފައި ނުވާ ކަމަށް ވިދާޅުވެ އެ މަސައްކަތާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ސުވާލު ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރުން ބިޑްކޮށްގެންނާއި އެހެން ގޮތަކުންވެސް ހަވާލުކޮށްފައިހުރި މަޝްރޫއުތަކުގެ އެޑްވާންސް ފައިސާ ނެގުމަށްފަހު އެއްވެސް މަަސައްކަތެއް ނުކޮށް "ފިލާފައި" ވާ ކަމަށެވެ.
"ދެން މިކުރައްވާ ކަމަކީ ވިޔަފާރި ކުރައްވަނީ. ވިޔަފާރިކޮށްގެން ފައިދާ ހޯދައިގެން 5 އަހަރު 10 އަހަރު ފަހުން އާ ޕްރޮޖެކްޓްތައް ހިންގަން މަސައްކަތްކުރަނީ"
އޭގެ ސަބަބުން ދައުލަތަށް ބޮޑު ގެއްލުމެއްވާކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެ ޖަވާބާ ގުޅިގެން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ސުވާލުކުރެއްވީ އެ ކުންފުނިތަކުގެ ތެރޭގައި އެއްވެސް މަޖިލީހުގެ މެންބަރެއް ހިއްސާވާ ކުންފުންޏެއްވޭތޯ ސާފުކޮށް ދިނުމަށެވެ.
"އަޅުގަނޑަކަށް އެއްގޮތަކަށްވެސް ކުންފުނިތަކުގެ ޝެއާ ހޯލްޑަރުންނަކީ ކޮންބައެއް ކަމެއް ނޭނގޭ. އެކަމު އަޅުގަނޑު ދަންނަވާލަން ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގައި ވަކި ބަޔަކު އެބަ ތިއްބޭ ޕްރޮޖެކްޓްތައް ނަގައިގެން ކުރިއަށް ނުގެންދާ"
މިނިސްޓަރު ވިދާޅުވީ ކުންފުނިތަކުގެ ހިއްސާދާރުންގެ މައުލޫމާތު އެންމެ ތަފްސީލުކޮށް ބަލައިލެވޭނީ މެންބަރުންނަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް