މުޅި ރަކީދޫ އިޔާދަކުރަނިވި ހަކަތައަށް!

(ވ. ރަކީދޫ) ހުކުރު ދުވަހުގެ މެންދުރު ހަލަބޮލި މާލެ ގެ ބަނދަރު މަތީ ހުއްޓިލައިގެން އަހަރެން މިހުރީ ސްޓެލްކޯގެ ފަރާތުން މީޑިއާތަކަށް ހާއްސަކޮށްގެން ރާވައިފާ ދަތުރުކަށް އެރުމަށެވެ. 2 ގަޑިއިރުގެ ކަނޑުދަތުރަކަށްފަހު ވ.ރަކީދޫ އަށް ފޭބުމާއެކުވެސް އަހަރެންނަށް ފާހަގަވެގެންދިޔައީ ރަށު ތެރޭގެ ހަމަހިމޭންކަމާއި ސާފުތާހިރު ކަމެވެ. ރަކީދޫ ވެގެންދިޔައީ ފޮތް ފޮތްތަކާއި ޝާއިރުންގެ ޅެންތަކުގައި ބަޔާންކޮށްފައިވާފަދަ ޗާލު ރަށަކަށެވެ.
ރަކީދޫގެ ވާހަކަތަކަކީ މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ކަހަލަ ވާހަކަތަކެވެ. އަހަރެންވެސް އުފެދުނު ޝައުގެއްގެ ބޮޑުކަމުން އަހާލެވުނީ ރަށުގައި އުޅެނީ ކިތައް މީހުންތޯ އެވެ. ޖަވާބަކަށް އައީ 66 މީހުން ވަރަކަށް އުޅޭނެ ކަމަށެވެ. ނަމަވެސް އެ ހިތްގައިމު ވަގުތުވެސް މަގުމަތިން ފެނުނީ 5 ވަރަކަށް މީހުންނެވެ. ދެން އެންމެންގެ ތެރެއިން އިވުނީ ރަށުގެ ރެސްޓޯރެންޓެއް ނުވަތަ ކެފޭ އެއްވެސް ނުހުންނަ ވާހަކަތަކެވެ. އަހަރެންނަށް މިކަންކަންވެގެންދިޔައީ މުޅިން އާ ކަމަކަށެވެ. އިތުރަށް ރަށުގެ މައުލޫމާތު ހޯދާލުމަށް ޝައުގުވެރިކަން އުފެދިގެން ދިޔަ ކަމަކަށެވެ.
ރަށުގެ އެއްކޮޅު އަތިރިމައްޗަށް ވާހެން ހުންނަ އިންޖީނުގެއާ ދިމާލަށް އަހަރެމެން ހިނގައިގަތީ އެރަށު ގޭ ތަކުގެ ފުރާޅުގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލްތަކާ ބެހޭ މައުލޫމާތު ހޯދުމަށެވެ. އެ ހިސާބަށް ދިޔައިރުވެސް ފާހަގެވެންދިޔައީ މީހުން މަދު ކަމެވެ. އެންމެ ފާހަވެގެންދިޔައީ ރަށުގެ މަގުމަތީގައި ހުރި ކުންނާރު ގަސްތައް ފުރިފައި އޮތް މަންޒަރެވެ. އެހެން ރަށްރަށާ ހިލާފަށް ރަކީދޫ ގަސްގަހުގައި ހުންނަ އެއްޗެހި ނުގެއްލި ދޮންވަންދެން ހުރިކަން އަހަރެންނަށް ފާހަގަވެގެން ދިޔަ އެވެ.
އިންޖީނުގެ ކުޑަކަމުން ފަހަރަކު 10 މީހުން އެތެރެއަށް ވަންނަ ގޮތައް ހަމަޖެއްސި އެވެ. އިންޖީނުގެއާ ކައިރި ހިސާބުތައް ބަލާލުމުގެ ހިޔާލާއެކު އަހަރެން ހިތައް އެރީ އިންޖީނުގެ އެތެރެއަށް ވަންނާނީ ދެވަނަ ބުރަށް ކަމަށެވެ. އެތަނުން މީޑިއާ ކުއްޖަކާ އެކީގައި އަތިރިމައްޗަށް ނިކުމެލީ ހިތްގައިމުކަމުންނެވެ. އެތަނަށް ނުކުތުމާއެކު ފާހަގަވެގެންދިޔައީ އެތަނުގައި އުދުހެމުންދިޔަ ދޮންދޫނިތަކެވެ. ކުޑައިރުގެ ހަނދާންތައް އާވެގެންދިޔަ އެވެ.

ރަކީދޫ އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކޮށްފަ
ސޯލާ ޕެނަލްއާ ބެހޭގޮތުން ލިބުނު މައުލޫމާތު
ެއިންޖީނުގެއަށް ފުރަތަމަ ވަތް 10 މީހުން ނިކުތުމާއެކު ދެން ވަދުނީ ބާކީ ތިބި މީހުންނެވެ. އަހަރެމެން އެންމެން އެއްކޮށް ވަނުމާއެކު ސްޓެލްކޯ ޖެނެރަލް މެނޭޖަރު އިބްރާހީމް ނިޒާމް އަހަރެމެންނަށް މަރުހަބާ ދެއްނެވި އެވެ. އަދި ސްޓެލްކޯއިން ފަންޑުކޮށްގެން އެތަނުގެ މުވައްޒަފުންގެ އެހީތެެރިކަމާއެކު ކުރިއަށް ގެންދިޔަ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމް ކާމިޔާބުކަމާއި އެތަނުގައި ކުރިޔަށްދާ މަސައްކަތްތައް ހިއްސާކުރަން ފެށިއެވެ.

ރަކީދޫ ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން
ޖުމްލަ 12 ގޭގައި މިހާރު ސޯލާ ހަރުކޮށްފައިވާއިރު ރަށަށް ބޭނުންވާ ވަރަށްވުރެ އިތުރަށްވެސް އެ ސޯލާ ޕެނެލްތަކުން ކަރަންޓު އުފައްދާ ކަމަށް ނިޒާމް ވިދާޅުވި އެވެ. އަދި އެރަށް ކަރަންޓު ފޯރުކޮށްދިނުމަށް، ސްޓެލްކޯގެ އެމްޑީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިފަދައިން ޖެނެރޭޓަރު ޖައްސަނީ ދެ ގަޑިއިރަށް ނިޒާމް ވިދާޅުވި އެވެ.
“ނަމަވެސް އަޅުގަނޑުމެން މި ބަލަނީ 100 އިންސައްތަ ރިނިއުބަލް ކުރެވޭތޯ. ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި އިތުރު ބެޓަރި އެބަ ބެހެއްޓޭ އާރޯ ޕްލާންޑްގަ، އެ ބެޓެރި އިންސްޓޯލްކުރުމުން އެ ދެ ގަޑިއިރަށް ޖެނެރޭޓަރު ހިންގަން ނުޖެހޭނެ ކަމަށް އަޅުގަނޑުމެން އަންދާޒާ މި ކުރަނީ”
މީގެ އިތުރުން ނިޒާމް ވިދާޅުވީ އެރަށުގައި 30 ގޭބިސީ ހުރި އިރު 12 ގޭބީސީއެއްގެ ފުރާޅު ސޯލާ ހަރުކުރުމަށް ސްޓެލްކޯއިން ކުއްޔަށް ނަގާފައިވާ ކަމަށެވެ. އަދި މިގޮތައް އަމަލުކުރީ ހަމައެކަނި ސަރުކާރުގެ އިމާރާތްތަކުގައި ސޯލާ ޖަހައިގެން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުފެއްދޭތީ ކަމަށެވެ.

ރަކީދޫ ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން
ނިޒާމް ވިދާޅުވީ 12 ގޭބިސީގެ ފުރާޅު ކުއްޔަށް ނަގާފައިވާއިރު، ފުރާޅުގެ ކުލީގެ ގޮތުގައި އޭގެ ތެރެއިން 10 ގެއަށް ފައިސާ ޖަމާކުރާ ކަމަށެވެ. އަދި ދެން އިން ދެ ގޭގެ ކުލި ފޮނުވަނީ ކަރަންޓު ބިލުން ސްޓެލްކޯއިން އެ ފަރާތައް ދައްކަންޖެހޭ ވަރު އުނިކޮށްފައި ކަމަށްވެސް ނިޒާމް ވިދާޅުވި އެވެ.
”ކަރަންޓު ބިލް ފޮނުވާއިރު ބައެއް ގޭގޭގެ ބިލް ހުރެދާނެ 0 ގަ، އެއީ ސްޓެލްކޯއިން ދައްކަންޖެހޭ ވަރަށްވުރެ އެގޭގެ ކަރަންޓު ބިލް ކުޑަވީމަ. މިސާލަކަށް 1400/- ބިލް އަށް އަރާ ގެއަކަށް ސްޓެލްކޯއިން ޖެހިދާނެ ސޯލާ ބޭނުންކޮށްފަ ހުރިވަރު ގިނަވީމަ 1500/- ފޮނުވަންވެސް. އެއީ ބިލް އަށްވުރެ 100/- އިތުރު ވުން”
ރަށު ތެރޭގެ ހާލަތު ބަލާލުމަށް ހިނގި ހިނގުމުން ދިމާވި ދައްތައެއްގެ ޝުއޫރު
ރަކީދޫ މައި މަގުގައި ހުއްޓުމުން ރަށުގެ ހުރިހާ މަގެއް ކަހަލަ ގޮތައް ފެނިގެން ދެއެވެ. ސްކޫލާއި ރަށުތެރެ ބަލާލުމަށް އަހަރެމެން އެންމެން ހިނގައިގަތީ އިންޖީނުގެ އިންނަ ކޮޅު ނޫން އަނެއް ކޮޅަށެވެ. އެ ހިސާބަށް އަރާ ހަމަވިތަނުން އެތަނުގައި ކުނި ކަހަން ތިބި ދެ ދައްތައެއް އަހަރެމެންނާ ވާހަކަދައްކަން ފެށި އެވެ. ރަށު ތެރެ އޮތީ ވަރަށް އޮމާންކޮށްލާފައެވެ. ކުނިކޮޅެއް ވެސް ނެތެވެ. މިހާރު މަދުން ނޫނީ ރަށުތެރެ އިލޮށިފަތިން ކަހާ މަންޒަރެއް ނުފެންނާނެ އެވެ.
ދައްތައާއެކު ދެކެވުނު ވާހަކައިގެ ތެރެއިން ރަކީދޫ ގައި ދިރުއުޅޭ މީހުން ބަދަލުކުރުމުގެ ވާހަކަތައް ދިޔައީ ދެކެވެމުންނެވެ. ދައްތަގެ އޮތީ ކަންބޮޑުވުމެކެވެ. އެއީ މިހާ ހިތްފަސޭހަ ރަށެއް ދޫކޮށް ދާން ޖެހޭތީ އެކަމާ ހިތާމަ ކުރާ ކަމެވެ.
“ދައްތަމެން މިރަށުން ދާ ހިތެއް ނުވޭ. ދާން މި ޖެހެނީ ދިރިއުޅުން ނެތީމަ. ކުދިން ނެތިގެން ސްކޫލު ބަންދުކޮށްފައި އޮތީމަ”
މިއީ ހަމަހިމޭން ކުށުގެ މައްސަލަ ނޯންނަ ރަށެއްކަން ފާހަގަކުރަމުން ދައްތަ ބުނީ ހަލަބޮލި ރަށަކަށް ބަދަލުވުމުން ފެންމަތިވާނީ ވައްކަމާ، ފޭރުމާ ނުރައްކާތެރިކަން ކަމަށެވެ.
ރަށުގެ ހިތްގައިމުކަން އިންތިހާއެވެ. ނަމަވެސް ދަތުރުގެ މަގްސަދު ނިމުމުން އެ އަތޮޅުގެ ތިނަދޫ އިން ސައިބޯލަން ފުރީ އެރަށުގެ ރީތިކަން ބަލާލުމަށް ފުރުސަތު ލިބުނިތީ އުފަލާއެކު އެވެ. އެރަށަށް ލަފައިން ތަންކޮޅަކަށް ހިންގާލުމާއެކުވެސް ފާހަގަވެގެންދިޔައީ ސޯޝަލް މީޑިއާގެ ފޮޓޯއަށްވުރެ އަސްލަށް ބަލާލުމަށް ރިީތި ކަމެވެ.
ތިނަދޫއަކީ ވ އަތޮޅުން އެންމެ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެވެ. ރަކީދޫ އާ ހިލާފަށް ތިނަދޫ ވެގެންދިޔައީ މީހުން ގިނަ ހަލަބޮލި ރަށަކަށެވެ. ގެސްޓުހައުސް ތަކުން ފުރިފައިވާ މިރަށުގެ މަގުތަކުގެ ޗާލުކަން ރޭގަނޑުވެސް ފާހަގަވެގެން ދިޔައެވެ.
ސައިބޯލައިގެން އެއްބަޔަކު ފުރަން ދިޔުމުގެ ކުރިން ރަށު ތެރެ ބަލާލުމަށް ދިޔައިރު އަހަރެން ދިޔައީ ތިނަދޫ އިންޖީނުގެ ބަލާލުމަށެވެ. ސަބަބަކީ އެއީ ސްޓެލްކޯގެ އެންމެ ރީތި އިންޖީނުގެއޭ ބުނާތީ އަޑު އެހީތީ އޭގެ ހަގީގަތް ބަލާލުމަށެވެ. ފުރަން މާ ގިނަ ވަގުތު ނެތުމުން ބޭރުން އިންޖީނުގެ ބަލާލުމަށްފަހު ތިނަދޫ އިން ފުރީ މާލެ ދިއުމަށެވެ.
މި ދަތުރުވެގެން ދިޔައީ އަހަރެންނަށް މުޅިން އާ ތަޖުރިބާ އަކަށެވެ. އާ ރަށެއް ބަލާލައި އާ މައުލޫމާތުތަކެއް ހޯދާލުމަށް ލިބިގެން ދިޔަ ފުރުސަތަކެވެ.
ކޮންމެކަހަލަ ހަކަތައެއްވެސް ލިބޭނީ ޚަރަދެއް ކޮއްގެން ވީމައި 0 ބިލްއެއް ލިބިގެން ނުވާނެ ތަނުގެ މުއައްޒަފުންގެ ޚަރަދުވެސް ހިމެނޭނެ 0 ބިލުއެއް ރަކީދުއައް ދީފައި އެހެން ރށްރަށުގެ ބިލަށް ބައެއް އިތުރު ވެގެން ނުވާނު