ސްޓެލްކޯއިން ކަރަންޓު ފޮށިތައް ސާފުކުރަނީ

މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފަށައިފި އެވެ.
ސްޓެލްކޯގެ މުވައްޒަފުން ހިންގާ "ޗާލު ވެށި - މަގޭ ޒިންމާ" ހަރަކާތަކީ އެ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަކެތި ސާފު ކުރުމަށް ހިންގާ ހަރަކާތެކެވެ.
"ޗާލު ވެށި - މަގޭ ޒިންމާ" ހޮނިހިރު ދުވަހުގެ ހެނދުނު ފެށީ ސްޓެލްކޯގެ ހެޑް އޮފީހުގެ ކުރިމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށީގައި ތަތްކޮށްފައި ހުރި އިޝްތިހާރުތައް ނައްޓައިގެންނެވެ.
ހަރަކާތް އިފުތިތާހުކޮށްދެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު، ތޯރިގު އިބްރާހީމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

ޗާލު ވެށި - މަގޭ ޒިންމާ ހަރަކާތުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ
ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ކަމަކީ ކުޑަ ކަމަކަށް ވިނަމަވެސް، ނަތީޖާ ވާނީ ފުރިހަމަ ނަތީޖާއަކަށް ކަމަށެވެ. ދެކެން ބޭނުންވަނީ މާލެ ސިޓީއަކީ ޒީނަތްތެރި، ރީތި އަދި ޗާލު ސިޓީއަކަށްވުން ކަމަށެވެ.
"ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކަށް ޗާލު، ރީތި ސިޓީތަކޭ މީހުން ބުނާ ގޮތަށް މި ސިޓީއަށް ވިޒިޓްކުރާ މީހުން ވެސް މާލެއަކީ ޒީނަތްތެރި ތަނެކޭ ބުނަން ސްޓެލްކޯއިން އަބަދުވެސް ބޭނުން،" ފަހުމީ ވިދާޅުވި އެވެ.
އެކަމަށް މަސައްކަތު މާހައުލާއި ގޯތި ގެދޮރާއި ހިދުމަތްދޭ ޓްރާންސްފޯމަރުތަކާ އަދި ފޮށިތައް ރީތިކޮށް ހުންނަން ބޭނުންވާ ކަމަށެވެ. މި ހަރަކާތަކީ ފަށާފައި ހުއްޓާލާނެ ކަމެއް ނޫން ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ. ހަރަކާތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ކުންފުނީގެ މުވައްޒަފުން ކަމަށް ވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ތޯރިގު ވިދާޅުވި ގޮތުގައި "ޗާލު ވެށި - މަގޭ ޒިންމާ" ހަރަކާތަކީ ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގައި ކުރަން ޖެހިފައިވާ ކަމެއް ކަމުގަ އެވެ.
އެކަމަކީ ހަމައެކަނި ފޮށިތައް ސާފުކުރުން ނޫން ކަމަށާއި ހަރަކާތުގެ ބޭނުމަކީ މުޅި މާލެ ވެސް ސާފުކޮށް ބެލެހެއްޓުން ކަމުގަ އެވެ.

ޗާލު ވެށި - މަގޭ ޒިންމާ ހަރަކާތުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ
"މިއީ އަލަށް ކުރާ ކަމެއް ނޫން. މިކަމަކީ ބޭރު ތަންތަނުގައި ވެސް މިގޮތަށް ވަކި ތަންތަން ސްޕޮންސާކޮށްގެން ކުރެވޭ ކަންތައްތައް. އެހެންވީމާ އަޅުގަނޑު ބަދަލުކުރާ ގޮތުގައި ސްޓެލްކޯއިން ފެއްޓެވި މަސައްކަތަކީ ވަރަށް ނަމޫނާ މަސައްކަތެއް،" ތޯރިގު ވިދާޅުވި އެވެ.
މާލެ ސާފުކޮށް ބެލެހެއްޓުމަކީ ސްޓެލްކޯގެ ޒިންމާއެއް ނޫން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކަމަކީ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލާ އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ވެސް ޒިންމާއެއް ކަމަށެވެ.
މަސައްކަތް ފެށިގެންދާއިރު، ކުންފުނިތައް ބައިވެރިވެގެން އެއް އުސޫލެއްގެ ދަށުން މާލޭގެ އެކި ހިސާބުތަކާ އަދި ރާއްޖޭގެ އެހެން ރަށްރަށް ވެސް ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ސާފުކުރެވުމަކީ މުހިންމު ކަމެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.
މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެ ހިމެނޭހެން ސްޓެލްކޯއިން އަންނަނީ 35 ރަށަކަށް ހިދުމަތް ދެމުންނެވެ.