އެގްރިކަލްޗާ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން މާރިޔާއާ ހަވާލުކޮށްފި
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވޮމޮޕްމެންޓް މިނިސްޓަރު ޑރ މަރިޔަމް މާރިޔާއާ ރައީސް ޑރ މުހައްމަދު މުއިއްޒު ހަވާލުކުރައްވައިފި އެވެ.
ބަލިހާލަތު ހުރި ގޮތުން މަސްއޫލިއްޔަތު އަދާކުރަން ތަން ނުދޭތީ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އިސްތިއުފާ ދެއްވީ މިއަދު އެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެގްރިކަލްޗާ މިނިސްޓްރީގެ ހިންގުން މާރިޔާއާ ހަވާލުކުރީ އެ މަގާމަށް ބޭފުޅަކު އައްޔަނުކުރެވެންދެން ކަމަށެވެ.
ރަމީލާގެ ބަދަލުގައި އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަނުކުރާނެ ބޭފުޅަކު އަދި ސާފެއް ނުވެ އެވެ.
އެގްރިކަލްޗާ މިނިސްޓްރީ އަކީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އަލަށް އުފެއްދި މިނިސްޓްރީއެއް ވެސްމެ އެވެ. މީގެ ކުރިން އެގްރިކަލްޗާ ހިންގަމުން ދިޔައީ ފިޝަރީޒް މިނިސްޓްރީގެ ދަށުންނެވެ.