ޕީޕީއެމް އުވާލަން ނިންމައިފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފި އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ކުއްލި ސެނެޓު ބައްދަލުވުމެއްގައި ވަނީ ޕާޓީ އުވާލަން ހުށަހަޅާފަ އެވެ. އެގޮތަށް ނިންމާފައިވަނީ ސެނެޓަށް ވަޑައިގެން ތިއްބެވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީ އަކީ އެއް ފުރާޅެއްގެ ދަށުގައި ތިއްބެވި ދެ ޕާޓީ ކަމަށެވެ. އަދި ޕީއެންސީ ވުޖޫދު ކުރަން ޖެހުނީ ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުން ތަކެއްގެ ސަބަބުން ކަމަށެވެ.
ޕީޕީއެމް ރަސްމީކޮށް ރަޖިސްޓްރީކުރީ 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭރު އެ ޕާޓީ އުފެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެންނެވެ.
އަދި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު އެ ޕާޓީއިން ވަނީ ރާއްޖޭގެ ވެރިކަން ކޮށްފަ އެވެ. އޭރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެވެ. ޔާމީންގެ ވެރިކަމުގެ މެދުތެރެއިން މައުމޫނާއި ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ޕީޕީއެމްގެ މިލްކުވެރިކަމަށް މައުމޫން ކޯޓުގައި ދައުވާ ވެސް ކުރެއްވި އެވެ.
ކޯޓުގައި އެ މައްސަލަ ހިނގަމުން ދަނިކޮށް، ޔާމީން އަމިއްލަފުޅަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އަދި އެ ޕާޓީގެ ރައީސަކަށް މިހާރު މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަބްދުލްރަހީމް އަބްދުﷲ އިންތިހާބު ކުރެއްވި އެވެ.
ކޯޓުން ޕީޕީއެމްގެ މައްސަލަ ނިމި، ޔާމީނަށް އެ ޕާޓީ ލިބިވަޑައިގެންނެވުމުން، ދެން ހެއްދެވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނެކެވެ. އަދި މިދިޔަ އަހަރު ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި އެވެ. އެހިސާބުން ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަން ކުރައްވަމުން ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މުއިއްޒު އެ ކޯލިޝަނުގެ ލީޑާޝިޕާއި ހަވާލުވެވަޑައިގެން ފަހުން ޕީޕީއެމްގެ ހަރަކާތްތައް އޮތީ ހުއްޓިފަ އެވެ. ޕީޕީއެމްގެ ބަދަލުގައި މައި ޕާޓީއަކަށް ޕީއެންސީ ނަންގަވައިގެން އެމަނިކުފާނު ކުރެއްވީ ޕީއެންސީ ވަރުގަދަ ކުރުމުގެ މަސައްކަތެވެ. އެގޮތުން، މަޖިލިސް އިންތިހާބުގައި ވެސް ކެނޑިޑޭޓުން ނެރުއްވީ ޕީއެންސީގެ ޓިކެޓުގަ އެވެ.