ފުލުހުން، އާންމުންގެ އިތުބާރު ހޯދައި ގުޅުން ބަދަހިކުރަނީ

އާންމުންނާ އެކު އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަ ދައްކާލުމަށް "ފުލުހަކާ އެކު ކޮފީއެއް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި އެވެ.
އާންމުންނާ ގާތުން ހިދުމަތް ދިނުމަށް، ހުރި ކަންބޮޑުވުންތައް ދެނެގަންނަން ފުލުހުން ގެންދަނީ ތަފާތު ހަރަކާތްތައް އިންތިޒާމުކުރަމުންނެވެ. އެގޮތުން އިއްޔެ ފެށި "ފުލުހަކާ އެކު ކޮފީއެއް" ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތެެއް ކަމަށް ފުލުހުން ބުންޏެވެ.
"ފުލުހަކާ އެކު ކޮފީއެއް" ހަރަކާތް ފަށާފައި ވަނީ ހުޅުމާލެ 2 ވަނަ ފިޔަވަހިންނެވެ. އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން އިއްޔެ ހަވީރު އެ ހަރަކާތް ކުރިއަށް ގެންދިޔައީ ވިނަރެސް ފްލެޓު 8 ގައި ހުންނަ ބުރުޒު ބީ8 ގަ އެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 18:00 އަށް ބޭއްވި އެ ހަރަކާތަކީ އާންމުންނާ ގުޅުން ބަދަހިކުރުމުގެ ކާމިޔާބު ފެށުމެއް ކަމުގައި ފުލުހުން ސިފަކުރެ އެވެ.

ފުލުހުން، އާންމުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވަން ކުރިއަށް ގެންދިޔަ "ފުލުހަކާ އެކު ކޮފީއެއް" ގެ ތެރެއިން / ފޮޓޯ:ފުލުހުން
"މި ބައްދަލުވުމުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވިގެންދާ މާހައުލެއްގައި ފުލުހުންނާ އެކު، މުހިންމު މަޝްވަރާތަކެއް ކުރެވުނު،"
އެފަދަ ހަރަކާތްތަކަކީ އާންމުންގެ އިތުބާރު ހޯދައި، ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަމާން މުޖުތަމައެއް ގާއިމުކުރުމަށާއި ރައްޔިތުންނާ ގުޅުން ބަދަހިކުރުމާއި އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މުޅި ރާއްޖެ ހިމެނޭ ގޮތަށް "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ހާއްސަ ހަރަކާތެއް މިދިޔަ މަހު ކުރިއަށް ގެންގޮސްފައިވެ އެވެ.