ތައިލެންޑްގެ ސަފީރުކަމަށް ފުއާދު އައްޔަންކުރަން ފާސްކޮށްފި
ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތައިލެންޑު ސަފީރަކަށް ފުއާދު އައްޔަންކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ތައިލެންޑް ސަފީރަކަށް ފުއާދު އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ނޮވެމްބަރު 25 ގަ އެވެ. ފުއާދު އައްޔަންކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސްކުރުމަށްފަހު އެވެ.
އެ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްޓަކައި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއާއި އީސީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ހޯދައިފައިވާ ކަމަށް ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ ނައިބު މުގައްރިރު, ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވިދާޅުވި އެވެ.
ފޮރިން ސާވިސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާތީ ފުއާދުގެ ގާބިލުކަން ބެލުމަށް ކޮމިޓީން ނިންމީ އިންޓަވިއު ނުކުރުމަށެވެ.
ފުއާދު ވަނީ މީގެ އަހަރުތަކެއް ކުރިން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވާފަ އެވެ. އެ މިނިސްޓްރީގެ ފޮރިން އިންވެސްޓްމެންޓް ޑިވިޝަންގައި އޭނާ އަދާކުރެއްވީ އިންގްލިޝް ސެކްރެޓަރީގެ މަގާމެވެ.
ފުއާދު އީސީގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2008 ވަނަ އަހަރުގަ އެވެ. އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. އެއީ އިންތިގާލީ މަރުހަލާގެ ތެރޭގަ އެވެ.
ދެވަނަ ދައުރަކަށް، އީސީގެ ރައީސް ކަމަށް ފުއާދު އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރެއްވިއިރު ވެސް، ފުއާދަކީ އެ ކޮމިޝަނުގެ މެމްބަރެކެވެ. އޭނާ ކޮމިޝަނަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.
އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރުގެ ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބާއި 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބާއި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ އިތުރުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ފުއާދު ވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ.