އެމްޑީޕީގެ ޖަލްސާ ހުއްޓުވަން ގޮވާލައިފި
ދާދި ފަހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން "ގާނޫނު އަސާސީގެ ދިފާއުގައި" ނަމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ކާނިވާ ސަރަހައްދުގައި މިރޭ ބާއްވާ ޖަލްސާ ހުއްޓުވުމަށް މުއައްސަސާތަކަށް ގޮވާލައިފި އެވެ.
އެގޮތަށް ގޮވާލާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދި ގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްޑީޕީ އަކީ ޖަރީމާގެ ބޮޑު މާޒީއެއް އޮތް ޕާޓީ އެއް ކަމަށެވެ. ދައުލަތުގެ މުދަލަށް ގެއްލުންދީ ހުޅުޖަހުން ފަދަ ބޮޑެތި ޖަރީމާތަކެއް އެ ޕާޓީން ހިންގާފައިވާ ކަމަށް ތުހުމަތުކުރި އެވެ.
އެމްޑީޕީން އެ ޖަލްސާއަށް ގެންގުޅޭ ޝިޔާރަތް އިޝާރާތް ކުރައްވަމުން މެންބަރު ވިދާޅުވީ އެ ޕާޓީން ގާނޫނުއަސާސީގެ މައްޗަށް ކޮޅުފައިން އަރާ, އެއަށް އިހާނަތްތެރިކޮށް ކަންތައް ކޮށްފައިވާ ކަމަށެވެ.
އަދި ރައްޔިތުންނަށް އޮޅުވާލުންތައް އޮޅުވާލައި, ގައުމުގައި ފިތުނަ އުފައްދާ, ގައުމު ހަލަބޮލި ކުރަން ފުރުސަތުދީގެން ތިބެގެން ނުވާނެ ކަމަށް ވިދާޅުވެ އެކަން ހުއްޓުވުމަށް މުހައްމަދު އިސްމާއިލް ގޮވާލި އެވެ.
"ރާއްޖޭގެ ހެދިފައި ހުރި ދިފާއީ ބާރުތަކާ އަދި އަމަންއާމަންކަން ބަލަހައްޓާ ފަރާތްތަކަށް އަޅުގަނޑު ހަމަ ގޮވާލަން މި އިހުތިޖާޖު [ޖަލްސާ] ހުއްޓުވުމަށް"
އަދި ޖަލްސާ ބާއްވާ ކާނިވަލް ސަރަހައްދު ބަންދުކުރަންވެސް ގޮވާލި އެވެ.
"ރައީސް އެދަނީ ގައުމު ބިނާކުރުމުގެ މަސައްކަތް ކުރަމުން. އެހެންވީމާ މި ފުރުސަތު ދީގެން ނުވާނެ. އަޅުގަނޑު ހަމަ ދިވެހި ފުލުހުންނަށް ގޮވާލަން މިހާރުން މިހާރަށް ގޮސް އެތަން ކޯޑަން އަޅާ ބަންދުކުރަން."
އޭނާ ވިދާޅުވީ ގާނޫނުގައި ބުނާ އެއްވެ އުޅުމުގެ މިނިވަންކަން އިދިކޮޅުގެ ޕާޓީއަށް ތަންމިނަށް ހުޅުވާލައިގެން ކުރިއަށްގެންދެވޭ ކަމަށް އޮންނަކަން ގަބޫލުކުރާ ހަމައެކަނި ޕާޓީ އަކީ ޕީއެންސީ ކަމަށެވެ. އަދި އެމްޑީޕީގެ 12 މެންބަރުން ތިބެގެން ހުށަހަޅާ, ގަރާރުތަކާ ކުއްލި މައްސަލަތަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ވޯޓު ދެނީ މައިނޯރިޓީއަށް ތަބާވާތީ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
ސަރުކާރުގެ ސިއްރުތައް ހާމަކުރާ "ހަސަން ކުރުސީ" ގެ ނަމުގައި "އެކްސް" ގައި ހިންގަމުންދާ އެކަައުންޓެއްގައި ޖަހާފައިވާ ޕޯސްޓަކަށްވެސް މުހައްމަދު އިސްމާއިލް ރައްދު ދެއްވި އެވެ.
އެ ޕޯސްޓުގައި ބުނީ މުހައްމަދު އިސްމާއިލާ އޭނާގެ ޓީމު މެދުވެރިކޮށް ކާނިވަލްގައި ހަތިޔާރު ބެހެއްޓުމަށް ރާވަމުންދާ ކަމަށެވެ. އެކަމުގެ ތުހުމަތު އިދިކޮޅުގައި އެޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ހިއްސާކުރީ ޕީއެންސީގެ އިސް ބޭފުޅެއްގެ ފަރާތުން ކަމަށް ކުރުސީގެ ޕޯސްޓުގައި ބުންޏެވެ.
އެ ވާހަކަތައް ދޮގުކޮށް މުހައްމަދު އިސްމާއީލް ވިދާޅުވީ ދުވަހަކުވެސް އެކަހަލަ ނޭއްގާނީ އަމަލެއް ހިނގުމަށް މަސައްކަތްކޮށް ނުވަތަ ބާރު ދީފައިވެސް ނުވާނެ ކަމަށެވެ.
އިތުރަށް ވާނީގޯސް
ތިއޮތީއަރިއަޅާ ފަ ދެނެއްނުހިފެއްޓޭނެ!
ވެއްޓޭނީ