ހިތަދޫ މޫދަށް ގިނަ އަދަދަކަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވަނީ

އައްޑޫ ސިޓީ ހިތަދޫ ކިނބިވައު ސަރަހައްދުގެ ފުއްޓަރު ފަރާތު މޫދަށް ގިނަ އަދަދަކަށް ކްލޮރިން އެޅުމުން، ކަނޑުގެ ދިރުންތައް މަރުވެ ލައްގަން ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ކްލޮރިން ފާޓާތަކެއް މޫދަށް ހުސްކޮށްލުމުގެ ސަބަބުން، ގިނަ އަދަދަކަށް މަސްތަކާއި ދިރުންތައް މަރުވެ، އެ ސަރަހައްދުގެ ފަރުތައް ވެސް ހުދުވެފައިވާ ކަމަށެވެ.
"ވަރަށް ބޮޑަށް މި ސަރަހައްދުގެ ވެއްޓަށް އަނިޔާތަކެއް ލިބިފައިވޭ. ވަރަށް ދެރަކޮށް ހިނގާފައި ހުރި ކަމެއް. ކޮންމެ ބަޔަކު ކުރި ކަމެއް ވިޔަސް، މިއީ ކޮށްގެން ވާނެ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން އެ ސަރަހައްދަށް މަރުވެގެން ލައްގާފައި ހުރި އެއްޗެހީގެ ތެރޭގައި ބޯވަ އާއި ބޯވަދިލަމަހާއި ޑިނގާ އާއި ކަކުންޏާއި ވެނާއި ތޮޅިޔާއި ކޮއްޔާއި އެހެން ބާވަތްތަކުގެ މަސްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ގިނައީ ކުދި ދިރޭތަކެއްޗެވެ.

ހިތަދޫ ކިނބިވައު ސަރަހައްދަށް މަރުވެގެން ލައްގާފައި / ފޮޓޯ:އައްޑޫ ނޭޗާ ޕާކް
ދައުރުވަމުންދާ ވީޑިއޯތަކުން ގިނަ އަދަދެއްގެ ކްލޮރިން ޓައްޕުތައް ވެސް ފެނެ އެވެ. އަދި އެއިން ކޮންމެ ޓައްޕަކީ 25 ކިލޯގެ ޓައްޕުކަން އެ ތަކެތީގެ ބޭރުގައިވާ ލޭބަލުން އެނގެ އެވެ.
އެ ކަމަކީ ސިޓީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަން ފާހަގަކޮށް ނަސޭހަތްތެރިވެފައި ވަނީ އެފަދަ އަމަލުތައް ދުރުހެލިވުމަށެވެ.
މޭޔަރު ވިދާޅުވީ، މި މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހަޅައި، މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ސަރަހައްދަށް ގިނަ އަދަދަކަށް ކްލޮރިން އަޅާފައިވާ ކަަމަށް ބެލެވޭތީ، ސިއްހީ ލަފާދާރުން ވަކި ގޮތެއް އަންގަންދެން، އެ ސަރަހައްދުގެ މޫދު ނޭރުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.