އަލިފާނުގެ ހާދިސާ ހިނގާ ސަރަހައްދުތަކުގައި އެން95 މާސްކް އަޅަން އެދިއްޖެ
އަލިފާނުގެ ހާދިސާ ހިނގާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން އާދައިގެ ސާޖިކަލް މާސްކް އެޅުމުގެ ބަދަލުގައި އެން95 ގެ މާސްކް އެޅުމަކީ މުހިންމު ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު އެވެ.
އެ ބިލްޑިންގައި ރޯވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިޔު ސާވިސަސް އާއި ވީއައިއޭގެ ފަޔާފައިޓަރުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.
ގްރީން ބިލްޑިންގައި ރޯވިއިރު، އެ އިމާރާތާ ޖެހިގެން ހުންނަ އޮފީސް އިމާރާތްތަކުންނާއި އެ ސަރަހައްދުގައި ހުރި ބައެއް އޮފީސް އިމާރާތްތަކުން މުވައްޒަފުން ވަނީ ނެރެފަ އެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ހުރި ގެތަކުން މީހުން ނެރެ، ހުސްކޮށްފަ އެވެ.
ތިން މިނިސްޓްރީއެއް ހިންގަމުން އައި އޮފީސް އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު އައިމިނަތު އަރޫޝާ ވިދާޅުވީ މިފަދަ ކަމަކާ ގުޅިގެން އެންމެ ފުރަތަމަ ވެސް ސަމާލުކަން ދޭން ޖެހޭނީ ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެފަދަ ސަރަހައްދުތަކަށް ނުދިއުމަށް ކަމަށެވެ. ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބައްޔަކަށް ނުވަތަ ހިތުގެ ބައްޔަކަށް ފަރުވާކުރާ ފަރާތެއް ނަމަ އެފަދަ ސަރަހައްދުތަކަށް ނުގޮސް ގޭގައި މަޑުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އެ ސަރަަހައްދުގައި ދިރިއުޅޭ ބޭފުޅުން ދުމުގެ އަސަރުން ރައްކާތެރިވުމަށް ޓަކައި ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ހަމަ ރަނގަޅަށް ލައްޕައި، ދުން ނުވަންނާނެ ގޮތަށް ރައްކާތެރިވުން. އެއީ އެންމެ ފުރަތަމަ ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަކީ،"
އަރޫޝާ ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާ ސަރަހައްދުތަކުގައި ކަމާ ގުޅިގެން ހަރަކާތްތެރިވާ ފަރާތްތަކުން މާސްކް އެޅުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމުގަ އެވެ. އެގޮތުން އާދައިގެ ސާޖިކަލް މާސްކުގެ ބަދަލުގައި އެން95 ގެ މާސްކް އެޅުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
އެފަދަ ހާދިސާތައް ހިނގާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަމާލުކަން ދޭން ޖެހޭނެ އިތުރު ކަންކަމަށް އަލިއަޅުވާލައި ވިދާޅުވީ ގެތަކުގައި ބޭނުންކުރާ އޭސީ އާއި އެކްޒޯސްޓް ފަދަ ތަކެތި ވެސް ނިއްވާލަން ޖެހޭ ކަމަށެވެ. ބޭނުމަކީ ވައި ދައުރުވުމުގެ ފުރުސަތު ކުޑަކުރުން ކަމަށެވެ. މާބޮޑަށް ދުމުގެ އަސަރުކުރާ ނަމަ، ގެއިން ނިކުމެ އެ އަސަރު ނުކުރާނެ ސަރަހައްދަކަށް ދިއުން މުހިންމު ކަމަށެވެ.
"އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ބޮޑުވާ ކަމަށް ވަންޏާ، މިސާލަކަށް ނޭވާ ކުރުވުން ނޫނީ ނޭވާލާން އުދަނގޫވާ ކަހަލަ ކަމެއް ވުން. ނުވަތަ ބޮލަށް ގޮތްގޮތްވުން، ބޯ އެނބުރުން ކަހަލަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކުރައްވާ ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް މަސައްކަތް ކުރަން ވާނެ،"
އަލިފާނުގެ ހާދިސާ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގެ ޓީމުތަކުން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.
އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ އޮތޯރިޓީގެ އެހީތެރިކަމަށް އެދި 50 މީހުން ގުޅި ކަމުގަ އެވެ. އަދި އެ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ހެދިފައިވާ ކަމަށާއި ބޭނުންވާނެ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް ސެންޓަރުގައި ހެދިފައިވާ އިވެކުއޭޝަން ސެންޓަރު ވަނީ ތައްޔާރު ކުރެވިފައި ކަމުގަ އެވެ. އެހެންނަމަވެސް އާއިލާތަކުގެ އެދުމުގެ މަތިން ވަގުތީ ގޮތުން އެ ފަރާތްތައް ތިމާގެ ގޭގެއަށް ވަނީ ބަދަލުކުރެވިފައި ކަމުގަ އެވެ.
އެންޑީއެމްއޭއިން ބުނީ މިހާރު ދަނީ ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓެއް ހަދަމުން ކަމަށެވެ. އެ ތަންތަނަށް މީހުން ބަދަލުވާން ރައްކާތެރި ނަމަ އާއިލާތައް ބަދަލުކުރަން އެހީތެރިކަން ފޯރުކޮށްދޭނެކަން ފާހަގަކުރި އެވެ.
އެ ސަރަހައްދުން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމާ، އިވެކުއޭޝަން ސެންޓަރު އަދި އީއޯސީގައި ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުން ކަމުގައި އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
ގްރީން ބިލްޑިންގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ އިމާރާތުން އަދިވެސް ދުން އަރަމުންދާއިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލު ގެނެސްފަ އެވެ.