އެމްޑީޕީގެ މެމްބަރުންނަކީ އިސްލާމް ދީން ގަބޫލުނުކުރާ ބައެއް ކަމަށް ބުނި މައްސަލަ ބަލަން ގޮވާލައިފި
އެމްޑީޕީގެ މެމްބަރުންނަކީ އިސްލާމް ދީން ގަބޫލުނުކުރާ ބައެއް ކަމަށް ބުނި މައްސަލަ ބަލަން އެ ޕާޓީން ގޮވާލައިފި އެވެ.
އެމްޑީޕީގެ މެމްބަރުންނަކީ އިސްލާމް ދީން ގަބޫލުނުކުރާ ބައެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މެމްބަރު އިސްމާއިލް ދެއްކެވީ ވާާހަކަތަކަކީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމަށެވެ.
އެގޮތުން ގާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް ރިއާޔަތްކޮށް ފާހަގަކުރި ގޮތުގައި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ބަހެއް ނުބުނެ އަދި އެފަދަ އަމަލެއް ނުކުރާހާ ހިނދަކު، އާންމު ތަނެއްގައި އެއީ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ޖިނާއީ ކުށެކެވެ.
އެހެންކަމުން މެމްބަރު އިސްމާއިލް ދެއްކި ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ވަނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ގޮވާލައިފަ އެވެ.
މެމްބަރު އިސްމާއިލްގެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަން ފާހަގަކޮށް އެމްޑީޕީން ބުނީ ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީ އެއް އުފައްދައި ދީނީ އިލްމުވެރިންނަށް ބަސް ބުނުމުގެ ފުރުސަތު ހޯދައިދިނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.
އަދި އެމްޑީޕީގެ އަސާސީ ގަވައިދުންވެސް ލާޒިމްކުރާ ގުނަވަންތަކުގެ ތެރޭގައި ވެސް އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހެއް ހިމެނޭ ކަން ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީގެ މެމްބަރުންނަކީ މުސްލިމުން ނޫން ކަމަށް ބުނި މައްސަލައާ ގުޅިގެން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެއީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށްޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއް ކަމަށެވެ.
އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލައި ފިޔަވަޅު އަޅަން ވެސް ޝާހދިު ގޮވާލެއްވި އެވެ.