ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ސަރުކާރުން ޓެކްސީ ފްލީޓެއް ހެދުމުން ކަންބޮޑުވުން ފާޅުކޮށް ހުޅުމާލެ ރުށްގަނޑު އެކެއްގައި ކުރި މުޒާހަރާގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސް އަޅައި، މަގުތައް ބްލޮކްކުރި މައްސަލައިގައި ތިން ޓެކްސީ ޑްރައިވަރަކު ހައްޔަރުކުރި އެވެ.
އެއީ މއ. ވިރާހު، މުހައްމަދު ޝާމިން (39އ) އާއި ލ. ދަނބިދޫ, ސަންރޭ، އަހްމަދު ޝަބީން (33އ) ގެ އިތުރުން ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއުމާން އަހްމަދު (36އ) އެވެ.
އެ މައްސަލައިގައި ނުއުމާން ޝަރުތުތަކާ އެކު ދޫކޮށްލިއިރު، ކްރިމިނަލް ކޯޓުން ވަނީ ޝާމިން އާއި ޝަބީންގެ ބަންދަށް 5 ދުވަސް ޖަހައިދީފަ އެވެ.
ބަންދުކުރި ދެ ޓެކްސީ ޑްރައިވަރުންގެ ވަކީލުންގެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާމިންގެ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވީ އެ މައްސަލައިގައި ފުލުހުން އެދިފައި އޮތީ ހަައްޔަރުކުރި އެންމެން ވެސް 15 ދުވަހަށް ބަންދުކުރަން ކަމަށާއި ނަމަވެސް ޖަހައިދިނީ 5 ދުވަހުގެ ބަންދު ކަމަށެެވެ.
އައިކް ވިދާޅުވީ އެ ދެ މީހުންގެ ވެކިކަލް ވެސް އޮތީ ޓޯކޮށްފައި ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ ފަރާތުން ނުރައްކަލެއް އޮތް ކަމަށް ދެކި ބަންދުކުރި ކުރުމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
"މިއަދު ހަމަ އަޑުއެހުންތައް ނިންމުމަށް ފަހު އަޅުގަނޑުމެން މަސައްކަތް ފައްޓާ މުއްދަތު ޖެހި ޝާމިން އާއި ޝަބީންގެ މައްސަލަ އިސްތިއުނާފްކުރުމުގެ މައްސަލަ މިހާރު ވާނީ ހައިކޯޓަށް ވެސް ހުށަހެޅިފަ. އިރާދަކުރެއްވިއްޔާމު 5 ދުވަސް ހަމަވުމުގެ ކުރިން ހައިކޯޓުގައި އެ މުއްދަތު އިސްތިއުނާފްކޮށް އެ ބޭފުޅުން ދޫކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އައިކް ވިދާޅުވި އެވެ.
އާންމު ދަތުރުފަތުރަށް ހުރަސް އެޅި މައްސަލައިގައި ހަތަރު ފުރޮޅުލީ 22 އުޅަނދު ޓޯކުރި އެވެ.
ބައެއް ޓެކްސީ ޑްރައިވަރުން ބުނީ ޓެކްސީ ފްލީޓް ތައާރަފްކުރުމުން ހަމައެކަނި ގެއްލުން ވަނީ ޓެކްސީ ޑްރައިވަރުންނަށް އެކަނި ނޫން ކަމަށެވެ. އެކަމުގެ އަސަރު ޓެކްސީ ސެންޓަރުތަކާ އަދި ގަރާޖުތަކަށް ކުރާނެ ކަމަށެވެ.
ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެއަށް ވަނުމަކީ އެއްގޮތަކަށް ވެސް ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް ޓެކްސީ ޑްރައިވަރުން ބުނެފައިވެ އެވެ.