ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ އޮޓޮޕްސީ ހަދަނީ

ކ. ގުރައިދޫގައި 4 މަހުގެ ކުއްޖަކު މަރުވި މައްސަލައެއްގައި ޝައްކުތަކެއް ހުރުމުން ފުލުހުން އެކަން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ތުއްތު ކުއްޖަކު މަރުވެފައިވާ ކަމުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ.
އެ ކުއްޖާއާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާނުކުރި ނަމަވެސް ފުލުހުން ބުނީ މަރުވި ކުއްޖާގެ އޮޓޮޕްސީ ހަދަން ހަށިގަނޑު ބޭރަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.
ފޭސްބުކް ގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ރޭ ދަންވަރު ދޭއްހާއިރު ކަމަށެވެ. އެ ކުއްޖާގެ ނޭފަތުން ލޭ ފައިބާފައިވާ ކަމަށް އެ މީހާ ބުންޏެވެ. އެ މައުލޫމާތުގެ ސައްހަކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.