މާފަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައި، މަހިބަދޫގައި 100 ހައުސިން ޔުނިޓް އަޅަނީ
އދ. މަހިބަދޫގެ އިހުތިސޯސުގެ ތެރޭގައި މި ފަހުން ހިމެނި މާފަރު ފަޅު ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށައި، މަހިބަދޫގައި 100 ހައުސިން ޔުނިޓް އެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
މަހިބަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ގެނައުމަށް އެ ރަށުގެ ބިން އިތުރުކުރުމަށްޓަކައި މާފަރުފަޅު، މަހިބަދޫގެ އިހްތިސާސް ތެރޭގައި ހިމަނައި ހައުސިން މަޝްރޫތަކަށް ބޭނުންކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މާފަރު ފަޅު، މަހިބަދޫ އިހުތިސޯސް ތެރޭގައި ހިމެނީ މި އަހަރު އޭޕްރީލް މަހުގެ ތެރޭގަ އެވެ.
އދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާފަރު ފަޅަކީ މަހިބަދޫގެ ތަރައްގީ އަށް މުހިއްމު ތަނެއް ކަމަށެވެ. އަންނަ އަހަރުގެ ތެރޭގައި ރައްޔިތުން އެދޭ ގޮތަށް ކޮންސެޕްޓް ފައިނަލްކޮށް، އަމަލީ ގޮތުން މާފަރު ފަޅު ހިއްކުމާ ކަމާ ގުޅުންހުރި މަސައްކަތްތައް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
"... އިރާދަކުރެއްވިއްޔާ އެ ތަނަކީ [މާފަރު ފަޅު] އަޅުގަނޑުމެން މި ކަނޑައެޅީ އާބާން ސެންޓަރުގެ މާނާގައި ތަރައްގީ ކުރެވިގެންދާނެ ތަނަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން." މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަން ހޯދައި ދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މަހިބަދޫގައިވެސް 100 ހައުސިން ޔުނިޓް ގާއިމުކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ.
"2025 ވަނަ އަހަރަކީ މި ރަށުގައި ގާއިމްކުރުމަށް [100 ހައުސިން ޔުނިޓް] އަޅުގަނޑޫ ފުއްދާ އަހަރު، އިރާދަކުރެއްވިއްޔާ އެ 100 ޔުނިޓުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން، ވިހާވެސް ބާރުމިނެއްގައި ނިންމައިދޭނެކަމުގެ ޔަގީންކަން އަރުވަން" ވިދާޅުވި އެވެ.
މާފަރު ފަޅު، މަހިބަދޫގެ އިހުތިސޯސުގެ ތެރޭގައި ހިމެނުމުން ރައީސަށް ޝުކުރު އަދާކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި އެތަން ތަރައްގީކުރުމަށް ނިންމެވުމަކީ އެ އަތޮޅަށް ބޯހިޔާވަހިކަމުގެ މުހިއްމު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މެންބަރު ވިދާޅުވީ އެއީ މީގެ 100 އަހަރަށް ދާންދެން އެ ސަރަހައްދުގެ ރައްޔިތުން އާބާދުވުމަށްޓަކައި ތަރައްގީކުރެވިގެންދާނެ ތަނެއް ކަމަށެވެ.
މަހިބަދޫގެ ކައުންސިލުގެ ރައީސް, ރަޝާދު އަލީ ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އެ ފަޅު ހިއްކި, މަހިބަދޫގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ. އަދި އެ ބިމުން އެހެނިހެން މަސައްކަތްތަކަށްވެސް ވީ އެންމެ އަވަހަކަށް ތަރުތީބުކުރެވި އެ ލުއި ފަސޭހަކަން މަހިބަދޫގެ ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.
ރައީސް، އަތޮޅު ތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެވެ. އެމަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭ ގޮތާއިމެދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ
ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް 185 ކައުންސިލަކާ އެމަނިކުފާނު ބައްދަލުކުރައްވާފައިވެ އެވެ.