ޖިހާދަށް ކުރި ދައުވާގެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުالله ޖިހާދުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޖިހާދުގެ މައްޗަށް ދައުވާކުރަން ހުށަހެޅީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓްއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖޮއިންޓްވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު ސޮއިކުރި މައްސަލައެއްގަ އެވެ.
އެ އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ ސަރުކާރަށް 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށެވެ. އެހެންނަމަވެސް އޭރު ނެޝަނަލް ޕްލޭނިން ކައުންސިލުން ލަފާ ދީފައިވަނީ ސްޕެޝަލް ޓޫރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަން ޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި ޖިހާދުގެ މައްޗަށް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ފޮނުވި އެވެ. އެހެންނަމަވެސް އެ މައްސަލަ ބެލޭނެތަނެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ.
އެހެންކަމުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރި އެވެ.
ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ޖިހާދު ދިރިއުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު ސެޕްޓެމްބަރު 19 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީއަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް ޕީޖީން އެ މައްސަލަ އަލުން ހުށަހެޅީ އަނބުރާ ފޮނުވާލިތާ 17 ވަނަ ދުވަސް ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމި އެވެ.
ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެ އެވެ.