ފަޒުލް އިސްތިއުފާ ދެއްވައިފި
އެޗްޑީސީގެ އެމްޑީގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެޗްޑީސީގެ އެމްޑީކަމުން އިސްތިއުފާ ދެއްވިކަން އަންގަވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް އަންގަވައި ފޮނުއްވި ސިޓީ ގައި ފަޒުލް ވިދާޅުވީ އެމްޑީގެ މަގާމުގައި ހޭދަކުރި މުއްދަތުގައި އެކި ގޮތްގޮތުން ކޮށްފައިވާ އަދި މިހާރު އެކި އެކި ޕްލެޓްފޯމް ތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.
ފަޒުލް ވިދާޅުވީ އެ މަގާމަށް އައްޔަންކުރުމަށްފަހު ކުންފުނީގެ ފަރާތުން މިހާތަނަށް ކޮށްފައިވާ ހުރިހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށެވެ.
ބިންވެރިޔާގެ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެން"
އެ މަގާމުން އިސްތިއުފާ ދެއްވީ ބިންވެރިޔާ ސްކީމްއާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ސިޓީގައި ފަޒުލް ވިދާޅުވި އެވެ.
ފަޒުލް އިސްތިއުފާ ދެއްވާފައިވަނީ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީއިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ, ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ މައްސަލާގައި އެޗްޑީސީގެ ޗެއާމަން ފިޔަވާ ޑިރެކްޓަރުންގެ ބޯޑު ސަސްޕެންޑްކޮށްފައިވާއިރު ފަޒުލް ގޯތި ދިން ކަމަށް ބުނާ އޭނާގެ ބޭބެ, މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ވެސް އެ ކުންފުނިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.