ޚަބަރު ވިޔަފާރި

މިދިޔަ މަހު ރާއްޖެއަށް ހަތަރު ބިލިއަނުގެ މުދާ އެތެރެކުރި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ ވިޔަފާރި ބަނދަރު / ފޮޓޯ:އެމްޕީއެލް

މިދިޔަ މަހު ރާއްޖެއަށް ހަތަރު ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by Sosun Fihaara

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކާބޯތަކެއްޗެވެ. އެގޮތުން އެތެރެކުރި ކާބޯތަކެތީގެ އަގު 883 މިލިއަން ރުފިޔާއަށް އަރަ އެވެ. ދެ ވަނައަށް އެންމެ ގިނައިން އެތެރެކުރީ އެކި މެޝިނަރީއާ ގުޅޭ ތަކެއްޗެވެ. އެ ތަކެއްޗަށް 717 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ތެލުގެ ބާވަތްތަކަށް 582 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ނޮވެމްބަރު މަހު އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް:

  • ޔޫއޭއީ - 1،037 މިލިއަން ރުފިޔާ
  • ޗައިނާ - 608 މިލިއަން ރުފިޔާ
  • އިންޑިއާ - 582 މިލިއަން ރުފިޔާ
  • ސިންގަޕޫރު - 253 މިލިއަން ރުފިޔާ
  • މެލޭޝިއާ - 167 މިލިއަން ރުފިޔާ

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު 120 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކަނޑުމަހާއި މަހުގެ އުފެއްދުންތަކެވެ.

ނޮވެމްބަރު މަހު އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ އިނގިރޭސިވިލާތަށެވެ. އެއީ 30 މިލިއަން ރުފިޔާގެ މުދަލެވެ. ތައިލެންޑަށް 24 މިލިއަން ރުފިޔާ އަދި ވިއެޓްނާމަށާއި ޖަރުމަނުވިލާތަށް 13 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެ އެވެ. މޮރިޝަސްއަށް 7 މިލިއަން ރުފިޔާގެ މުދާ ބޭރުކުރި އެވެ.

ކަސްޓަމްސްއަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 249 މިލިއަން ރުފިޔާ ލިބުނުއިރު، ރޯޔަލްޓީއަށް 7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

Ads by Ooredoo