ކުޅިވަރު

އަލިފުށީ ޒުވާނުންގެ ހުވަފެން ހަގީގަތަކަށް، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަލިފުށީގެ ގިނަ ޒުވާނުން ތަކެއް ދެކެމުން އައި ހުވަފެނަކީ ހިތްހަމަ ޖެހިލައިގެން ކުޅެލެވޭނެ ފަދަ ރީތި ދަނޑެއް އެރަށުގައި އެޅުމެވެ. އެ ރަށުގެ ޒުވާނުންގެ މިއުއްމީދުގައި ކުލަޖެހޭނެ ކަމުގެ ކުލަވަރު ފެންނަން ފެށީ ސަރުކާރުން އެ ރަށުގެ ބޮޑު ދަނޑުގައި ޓާރފް އެޅުމަށް ނިންމުމުންނެވެ.

Ads by STELCO

މިއަދު މިވަނީ އަލިފުށީ ޒުވާނުން ދެކެމުން އައި ހުވަފެނުގައި މުޅިން ކުލަ ޖެހިފައެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން އެ ރަށުގައި ގާއިމުކުރި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

އަލިފުށީ ދަނޑު ނިމިއްޖެކަން ހާމަ ކުރައްވާ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ނިންމާލި 5 ވަނަ ބޮޑު ޓާރފް ދަނޑު ކަމަށެވެ. މި ދަނޑުގައި ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް މަޙްލޫފް ވަނީ ވިދާޅުވެފައެވެ. އަދި މި ދަނޑާއެކު އަލިފުށިން މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ. މަޙްލޫފް ވަނީ މި ދަނޑުގެ މަސައްކަތް ކުރުމުގައި އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތް 1,215,470.20 ރުފިޔާއަށް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ސަބް ބޭސްގެ ބައެއް މަސައްކަތްތައް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުން ވެސް ކޮށްފައިވެއެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް 4،203،358.36 ރުފިޔާއަށް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. އެހެންކަމުން މި ދަނޑު ހެދުމަށް ޖުމްލަ 5,418,828.56 ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.

މީގެ ކުރިން މިނިސްޓްރީ އޮފް ޔޫތުން ވަނީ ފ.ނިލަންދޫ، ނ.ހޮޅުދޫ، ތ.ވިލުފުށި އަދި ނ.ކެނދިކުޅުދޫ ފުޓްބޯޅަދަނޑުގެ މަސައްކަތް ނިންމާލާފައެވެ. އަދި މިހާރު ވެސް ގިނަ ރަށްތަކެއްގެ ބޮޑު ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތުގެ ފަރާތުން އަންނަނީ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!