އިންކަމް ސަޕޯޓްގެ ގޮތުގައި އިތުރަށް ޖަމާކުރެވުނު 18،000 ދައްކަން ހުކުމްކޮށްފި
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް ދަށުން މީހަކަށް އިތުރަށް ޖަމާކުރި 18،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުން އެނގޭ ގޮތުން އިންކަމް ސަޕޯޓް އެލެވަންސްގެ ގޮތުގައި އޮޅިގެން އިތުރަށް ޖަމާކުރެވުނީ މ. އޮކްސިޑެންޓަލް/މާލެ، މަރިޔަމް ހަމްނާގެ އެކައުންޓަށެވެ.
ހަމްނާއަށް ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ދޫކުރަން އަސްލު ކަނޑައަޅާފައި އޮތި 30،000 ރުފިޔާ އެވެ. ނަމަވެސް އޮޅިގެން އިތުރަށް ޖަމާކުރެވުނު 18،000 ރުފިޔާއާއެކު އޭނާއަށް ޖުމްލަ 48،000 އޮތީ ޖަމާކުރެވިފަ އެވެ.
އެހެންްވެ އިތުރަށް ޖަމާކުރެވުނު ފައިސާ ހޯދަން ސިވިލް ކޯޓުގައި އިކޮނިމިކް މިނިސްޓްރީން އޮތީ ދައުވާކޮށްފަ އެވެ.
ސިވިލް ކޯޓުން އިއްޔެ ހަމްނާގެ ޣައިރު ހާޒިރުކުރި ހުކުމްގައި ވަނީ އިތުރަށް ޖަމާކުރެވުނު 18،000 ރުފިޔާ ދައްކަން އަމުރުކޮށްފަ އެވެ. އެއީ 14 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ޝަރުތު ހަމަނުވާ އަމިއްލަ ކުންފުންޏެއްގެ ހިއްސާދާރަކު ނަގާފައިވާތީ އެ ފައިސާ ދައްކަން ވެސް މިދިޔަ މަހު ސިވިލް ކޯޓުން ހުކުމްކުރި އެވެ.
އިންކަމް ސަޕޯޓް އެލަވެންސް ހޯދުމަށް، ސައްޙަ ނޫން ލިޔެކިޔުންތައް ހުށައަޅައިގެން 5 މިލިއަނެއްހާ ރުފިޔާ ހޯދައިފައިވާކަމަށް އޮޑިޓް ރިޕޯޓަކުން މީގެ ކުރިން އޮތީ ހާމަވެފައިވެ އެވެ.