އެމްޑަބްލިޔުއެސްސީން 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިފި
ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން 20 ރަށުގެ މަސައްކަތް ނިންމައިފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ 20 ރަށަކީ ނިމިދިޔަ އަހަރު މަސައްކަތް ފުރިހަމަކުރުމަށް ނިންމާފައިވާ ހުރިހާ ރަށެއް ކަމަށެވެ.
އެ ރަށްތަކުގެ ތެރެއިން 5 ރަށުގެ ފެނުގެ ނިޒާމު ގާއިމުކޮށްފައިވާއިރު، އަނެއް 15 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވާ ކަމަށެވެ.
ފެނުގެ ނިޒާމު ގާއިމުކުރި ރަށްތަކަކީ، ހއ. މުރައިދޫ، ށ. ފީވައް، ނ. ހެނބަދޫ، ރ. އިންނަމާދޫ، އއ.މަތިވެރި އެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވާ ރަށްތަކަކީ، ހއ. ވަށަފަރު، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ، ށ. ގޮއިދޫ، ނ. މާފަރު، ނ. ފޮއްދޫ، ރ. ފައިނު، ބ. ކަމަދޫ، ބ. މާޅޮސް، ޅ. އޮޅުވެލިފުށި، އދ. ކުނބުރުދޫ، އއ. ހިމަންދޫގެ އިތުރުން އއ. ފެރިދޫ އެވެ.
އެ ރަށްތަކުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ މަސައްކަތް ނިންމާ ކޮމިޝަންކޮށްފައިވަނީ އިއްޔެ އެވެ.
އިތުރަށް ބުނީ އެ މަޝްރޫއުތަކުގެ ދަށުން ރަށްރަށުގައި ފެން ޕްލާންޓް ބަހައްޓައި، ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ގާއިމުކޮށް، ފެން ރައްކާކުރުމަށް ތާންގީ ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ. އަދި ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ގާއިމުކޮށް، ސީ އައުޓް ފޯލް އާއި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ މަސައްކަތްތަކުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެކަން ވެސް ފާހަގަކުރި އެވެ.
މިއީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށް، ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ. މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.34 ބިލިއަން ރުފިޔާ އެވެ.
މަޝްރޫއުތަކުގެ ސަބަބުން އެ ރަށްތަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެމްޑަބްލިޔުއެސްސީން ވަނީ ދީފަ އެވެ.